ތިމާވެށި

ރަށް ގިރުމުގެ މައްސަލަ- ސަރުކާރުން އިސްކަންދެއްވާ މުހިއްމު ކަމެއް


ރަށް ގިރުމާއި، އުދަ އެރުމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޚާއްސަކޮށް ރަށް ގިރުމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އެކި މިންވަރަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެންނެވުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ސަރުކާރުން މިހާތަނަށް 7 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކޮށްދީފައިވެއެވެ. 

މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫޢަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިމާޔަތް ކުރުމަށް 6 ކިލޯ މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއްލުމުގެ މަސައްކަތެވެ. ހުޅުމާލޭގެ އިތުރުން ބޮޑުހިލަ އަދި ޖިއޯ ބޭގް ޖަހައިގެން ގޮނޑުދޮށް ހިމާޔަތްކޮށްފައިވާ ރަށްތަކަކީ ރ.މަޑުއްވަރިއާއި، ނ.ހޮޅުދުއާއި، ގދ.ތިނަދުއާއި، ފަރެސްމާތޮޑާ، މ.ނާލާފުށި އަދި ކ.މާފުށްޓެވެ. މި ރަށްތަކުގެ މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 129 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/5760.jpg|ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގާ ޖަހާފައި. ފޮޓޯ ޕީއެސްއެމް

މިހާރު މަސައްކަތް ކުރިއަށްދާ 15 ރަށަށް ބަލާލާއިރު، އެ ރަށްތަކަށް 229 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނެނީ 2014 ވަނަ އަހަރު މަސައްކަތް ފެށި ވިލިމާލޭގެ މަސައްކަތާއި، 2015 ވަނަ އަހަރު މަސައްކަތް ފެށި، ހއ.ހޯރަފުއްޓާއި، ހދ.ކުޅުދުއްފުއްޓާއި، ށ.ބިލެއްފައްސާއި، ބ. ތުޅާދުއާއި، ޅ.ކުރެންދުއާއި، އއ.އުކުޅަހާއި، ދ.މާއެނބޫދުއާއި، ތ.ކަނޑޫދޫގެ އިތުރުން ތ.ވޭމަންޑޫއެވެ. އަދި މިއަހަރު މަސައްކަތް ފެށުނު ރަށްތަކަކީ ހއ.ދިއްދުއާއި، ނ.ވެލިދުއާއި، ރ.ފައިނާއި، ގދ.ގައްދޫ އަދި ގދ.މަޑަވެއްޔެވެ. 

ތިމާވެއްޓާބެހޭ ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވީ ގޮނޑުދޮށް ޙިމާޔަތްކުރުމުގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވަނީ އެންމެބޮޑަށް ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށްކަމަށެވެ. މިއަހަރުގެ ތެރޭގައި އަދިވެސް އިތުރު ރަށްތަކެއްގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބައެއް ރަށްތަކުގެ މަސައްކަތް ފަރުމާ ކުރުމާއި، ޓެންޑާ މަރުޙަލާގައި ވާކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.