ޚަބަރު

ލ. އަތޮޅު މަދަރުސާގައި މަލްޓި ޕާޕަސް ހޯލެއް ޤާއިމްކުރަން އެފްޑީސީއާ ހަވާލުކޮށްފި


  • ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވަރަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވި

ހައްދުންމަތީ އަތޮޅު މަދަރުސާގައި މަލްޓި ޕާޕަސް ހޯލެއް ޤާއިމްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާބައިދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރައްޒާނެވެ.

ލ. އަތޮޅު މަދަރުސާގެ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ މި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވިގެންދިޔަ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.