ހައްދުންމަތީ މާމެންދޫގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ލ. މާމެންދޫގެ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި އެރަށުގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވާދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެމްބަރުގެ އިތުުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
މާމެންދޫގައި މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ސިއްޙީ މަރުކަޒުގެ އިތުރުން ލެބޯޓްރީވެސް ބައްލަވާލައްވާފައެވެ.
ލެބޯޓްރީއެއް ނެތް ގިނަ ރަށްތަކުން ޓެސްޓް ހެދުމަށް އެހެން ރަށްރަށަށް ދާފަދައިން މާމެންދޫގެ ރައްޔިތުންވެސް ދާންޖެހެނީ އެ ޚިދުމަތް ލިބޭ އަތޮޅުގެ ކޮންމެވެސް ރަށަކަށެވެ. ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތާއި އާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ލިބުމާއެކު ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ ހައްޓަށްވެސް ފަސޭހަވާނެކަން އެރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.