ޚަބަރު

ޔޫވީ ބަލިކޮށް މާޒިޔާ އެއްވަނައަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޔޫވީ އަތުން މާޒިޔާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު މާޒިޔާ އެއްވަނައަށް ޖެހިލީ އެ މަގާމަށް ވާދަކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ލީގުގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައެވެ. ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާއިން ވަރުގަދަ އެޓޭކުތައް ކުރަމުންދިޔައިރު، ޔޫވީވެސް ދިޔައީ ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މެޗު ފަށައިގެން މާޒިޔާއިން ފުލުފުލުގައި އުފެއްދި ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ހަތްވަނަ މިނެޓުގައި ހަސަން ނަޒީމް ޔޫވީގެ ޕެނެލްޓީ އޭރިއާ ތެރެއިން ދިން ބޯޅައަކުން މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކުރުމެވެ.

މެންޑީގެ މި ލަނޑާއެކު އަނެއްކާވެސް އިތުރު ލަނޑެއް ޖެހޭތޯ މާޒިޔާއިން ދިޔައީ އޭޓޭކުގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން ހަމްޒާ މުޙައްމަދު ނަގައިދިން ބޯޅައެއް އޭރިއާ ތެރޭގައި ހުރެފައި މެންޑީ ފޮނުވާލުމުން، އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފުގައި ޔޫވީން އެންމެ ރަނގަޅު ފުރުސަތެއް ހޯދީ މިސްރުގެ ފޯވާޑް މުސްތަފާ އަލް މަހްމޫދެވެ. ޒައިޝާން އަޝްރަފް ފޮނުވާލި ހަމަލާ، އޭރިއާ ތެރޭގައި ހުރެފައި މަހްމޫދު ފޮނުވާލުމުން ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.

މާޒިޔާއިން ދެވަނަ ލަނޑު ކާމިޔާބުކުރީ މެންޑީ އޭރިއާ ތެރެއަށް ވަދެ، އަރިމަތިން ހަމްޒާއަށް ޖައްސާލުމުން، އޭނާ ގޯލުގެ ދުރުކަނަށް އަމާޒުކޮށްގެންނެވެ. މި ލަނޑު ހަމްޒާ ކާމިޔާބުކުރީ މެޗު 35 ވަނަ މިނެޓުގައެވެ. އެ ލަނޑަށްފަހު ކައުންޓަރ އެޓޭކުގައި ޔޫވީން ދިޔައީ މާޒިޔާގެ އޭރިއާ ތެރެއަށް ނުރައްކާކުރަމުންނެވެ.

މި މެޗުގައި ޔުވީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އޭރިއާ ބޭރުން މުސްތަފާ އަލް މަހްމޫދެވެ.

މި މެޗުގެ ދެވަނަ ހާފުގެ ބޮޑުބައެއްގައި އެދެވޭ ހަމަލާތަކެއް ދެ ޓީމަށްވެސް އުފެއްދިފައި ނުވާއިރު، މާޒިޔާއިން ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާޒިޔާގެ ތިންވަނަ ލަނޑު މެޗު 87 ވަނަ މިނެޓުގައި ސާޖިއޯ މެންޑީ ޖެހީ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މާޒިޔާ ހަތަރުވަނަ ލަނޑު ލުއިސް އަލްމައިޑާ ބޮލުން ގޯލަށް ވައްދާލީ ނެގި ކޯނަރަކުންނެވެ.