ޚަބަރު

އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކްލިން ކުރުމުގެ ދުނިޔޭގެ ރިކޯޑު ރާއްޖެއިން ޤާއިމުކޮށްފި


  • މިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިވެފައިވޭ

  • މި ހަރަކާތް ކުރިއަށްދިޔައީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާއެކު

ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގައި އެއްފަހަރާ އެންމެ ގިނަ މީހުން ފީނުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި, ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވިވެފައިވެއެވެ.

ބާނި އިވެންޓުގެ ބައިވެރިން ވަނީ ވިލިނގިލިފަރު ފިނޮޅާ ކައިރި އެކި ސަރަހައްދުތަކަށް ފީނާ ރެކޯޑު ގާއިމްކުރުމުގެ ހަރަކާތުގައި ބައިވެރިވެފައެވެ. މި ހަރަކާތަށް ފަހު ބޭއްވި ރަސްމިއްޔާތުގައި ރެކޯޑް ގާއިމްކުރުމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން ރާއްޖެއަށް ވަޑައިގެން ހުންނެވި މަންދޫބެކެވެ.

ދުނިޔޭގެ ރެކޯޑް ފޮތުގެ އިތުރުން މި ރެކޯޑު ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބަލަހައްޓަމުން އަންނަ ރާއްޖޭގެ ރެކޯޑު ފޮތުން ވެސް ޖާގަހޯދާފައެވެ. ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމުގެ ޝަރަފުގެ ހަނދާނީ ފިލާ އަދި ކޮއިން ބ. އަތޮޅު ކައުންސިލާ ހަވާލުކޮށްދެއްވީ އެ ކޯޕަރޭޝަނުގެ މޭނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ.

ބާނި އިވެންޓު ކުރިއަށް ގެންގޮސްފައި ވަނީ 13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާ އެކުއެވެ. މިހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭގައި ރިސޯޓު މުވައްޒަފުންނާއި، ފަތުރުވެރިންނާއި އެ އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނެއެވެ.

ބ. އޭދަފުއްޓާ 10 މިނެޓް ދުރުމިނުގައި އޮންނަ ވިލިނގިލިފަރު ފިނޮޅަކީ ވަރަށް ގިނަ އަދަދަކަށް ކިރު ދޫނި ޖަމާވާ ފިނޮޅެއްކަމުން، މި ހަރަކާތާއެކު، ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ރާއްޖޭގެ ރަށްތަކާއި ފަރުތަކުގެ ދިރުމުގެ މުއްސަނދިކަން ދައްކުވާދިނެވެ.

މި ފިނޮޅުގެ ވަށައިގެންވާ ސަރަހައްދަކީ އެކި ކުލަކުލައިގެ މުރަކަ އާއި ކަނޑުފަޅުގެ އެކި ދިރުންތަކުން މުއްސަނދިކަން ލިބިފައިވާ ރީތި ސަރަހައްދެކެވެ.

އެއްބައިވަންތަކަން ދަމަހައްޓައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މައިގަނޑު އެއް މަގުސަދު ކަމުގައިވާ ކަނޑު ފަޅުގެ ފަތުރުވެރިކަން ދެމެހެއްޓެމުގައި ދުނިޔޭގެ އެންމެ އިސް ގައުމުގެ ގޮތުގައި ދެމެހެއްޓުމަށް ބާރުވެރި ކޮށްދޭނެ ހަރަކާތެއް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ މިއިން ދައްކުވައިދެނީ ފަތުރުވެރިކަމާއި ކަނޑުގެ ތިމާވެށި ރައްކާތެރިކުރުމަށް އެކުގައި ކުރިއެރުން ހޯދިދާނެކަމާއި، ތިމާވެއްޓަށް ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިވުމާ އެކު މަސައްކަތް ކުރެވިދާނެކަމުގެ ނަމޫނާއެއް ކަމަށްށެވެ.