ޚަބަރު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުން: ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ނިމޭނެ


  • ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ

  • މަގު ނިމޭއިރު ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކާއި ހޮޅި އެޅުމުގެ މަސައްކަތުގެ %50 ނިމިފައިވާކަމަށެވެ. މީގެ އިތުރުން ކެރިޖްވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި ސައިޑްވޯކްތައް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، ކޭބަލް ޓްރެންޗް އިންސްޓޯލް ކުރުމުގެ %50 ނިންމާފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.