ޚަބަރު

ފާނަ އާލާކުރުމުގެ ޕްރޮގުރާމް: 15 ބައިވެރިންނާއެކު މަނިޔަފުށީގައި


  • ޕްރޮގްރާމުކުރިއަށްދާނީ މިމަހުގެ 30ގެ ނިޔަލަށް

  • މިއީ މިއަހަރު ކުރިއަށް ގެންދާ މިފަދަ ދެވަނަ ޕްރޮގްރާމު

ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީންކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމު' ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިއަދު ކ. މަނިޔަފުށީގައެވެ.

'މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމް'އަކީ ރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މި ދާއިރާއިން މީހުން ބިނުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްއެމްއާރްއައިގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ. މިއީ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް އެމްއެމްއާރްއައިއިން މިއަހަރު ފެށި މިފަދަ ދެވަނަ ޕްރޮގްރާމެވެ.

15 މީހުންނާއެކު މިއަދު ފެށި މި ޕްރޮގްރާމް މިމަހުގެ 30ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ޕްރޮގްރާމުގެ މުއްދަތުގައި ބައިވެރިން ކ. މަނިޔަފުށީގައި ތިބޭއިރު، ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިތުރުން ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސަރޗް އިންސްޓިޓިއުޓުގެ ފަރާތުން ހަމަޖައްސައިދޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.

ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތައް:

• އެކުއާކަލްޗަރގެ ނިޒާމުތަށް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފި ލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ތަރައްޤީވުމާއެކު، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެ، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރެވިގެންދާނެކަމަށެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު 2 ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މިދިޔަ އަހަރު ބޭއްވި މިޕްރޮގްރާމްގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ބައިވެރިވިއެވެ. އަދި އެ ޕްރޮގްރާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބުމުގެ ސަބަބުން މީގެ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.