ޚަބަރު

ރޭންޖަރުން ތަމްރީނުކޮށް ފަރުކޮޅުގައި ނޭޗަރ ޕާކު ތަރައްޤީކުރުމަށް ތައްޔާރުވެއްޖެ


  • ނޭޗަރ ޕާކުގައި ޕިކްނިކް ސަރަހައްދުތަކާއި ކެނޯ ދުއްވުމާއި ޑޭޔޫސް ރޫމްތައް ހުންނާނެ

  • ވިޒިޓާރސް ސެންޓަރުތައް ފަރުކޮޅުގައި ޤާއިމް ކުރެވިގެންދާނެ

ށ. ފުނަދޫ ފަރުކޮޅުގައި ސަރުކާރުން ހަދާ ނޭޗަރ ޕާކު ބެލެހެއްޓުމަށް ރޭންޖަރުން ހަމަޖައްސާ، އެ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފަރުކޮޅަކީ ގުތުރަތީގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށެއެވެ. މިރަށަކީ ށ. ފުނަދޫ ރައްޔިތުންގެ އުންމީދުތަކާއިވެސް ގުޅިފައިވާރަށަކަށްވާއިރު މިއީ އުފެދިފައިވާގޮތައް ބަލާއިރުވެސް އެހެން ރަށްތަކާއި ތަފާތުކޮށް އުފެދިފައިވާ ތިމާވެށީގެ ގޮތުންވެސް ތަފާތު ރަށެއެވެ. ފަރުކޮޅުގެ ބޮޑުބަޔަކީ ކުޅިތަކާއި ޗަސްބިންތައެވެ.

ފަރޮކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެކެވެ. ފަރުކޮޅުގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ މި އަހަރުގެ މޭއި މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ފަރުކޮޅުގެ ނޭޗަރ ޕާކުގެ ކޮންސެޕްޓް މިހާރުވަނީ އެކުލަވާލާފައިކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ކޮންސެޕްޓުގެ ދަށުން ނޭޗަރ ޕާކުގައި ޕިކްނިކް ސަރަހައްދުތަކާއި ކެނޯ ދުއްވުމާއި ޑޭޔޫސް ރޫމްތަކާއި ވިޒިޓާރސް ސެންޓަރުތައް ފަރުކޮޅުގައި ޤާއިމް ކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެ.

އެ ވުޒާރާއިން ވިދާޅުވީ މިއީ ށ. ފުނަދޫ ދައްފަޅުގައި އިކޯ ޓުއަރިޒަމް ތަރައްޤީވެގެންދާއިރު މި ސަރަހައްދާއި މި އަތޮޅަށް ޒިޔާރަތްކުރާ ފަރާއްތަކާއި ފަތުރުވެރިންނަށް ޤުދުރަތީ މާހައުލުތައް ބަލާލުމާއި ހިންހަމަޖެހުން ހޯދުމަށް މަގުފަހިވެގެންދާނެކަމަށެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަރުކޮޅު ދެމެހެއްޓެނިވިގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކޮށް މި ސަރަހައްދުގެ ގުތުރަތީ ގޮތުން ހާއްސަ ސިފަތައް ހިމާޔަތްކުރުމަށް އިޖްތިމާއި އަދި މާލީ މަންފާ ލިބޭގޮތައް މި ރަން ޑިޒައިން ކުރެވިގެންދާނެކަމަށެވެ. އެގޮތުން މި ރަށުގެ ޑީޓެއިލް ޑިޒައިނަށް ދިޔުމުގެ ކުރިން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެކަމަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޮންސެޕްޓް ހިމެނޭގޮތަށް ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކޮށް ރައްޔިތުންނަށް ފައިދާވާގޮތައް ބެލެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން މިހާރުވަނީ މިރަށައް އަމާޒުކޮށް ހާއްސަ މަޝްރޫއެއް ފަށާފައިކަމަށެވެ. މިގޮތުން ކޮންޒަވޭޝަން އޮފް އެޓޯލް އިކޯ ސިސްޓަމް ތުރޫ އެންޑް އެފެކްޓެވްލީ މެނޭޖްޑް ނެޝަނަލް ޕްރޮޓެކްޓެޑް އޭރިޔާ އިސްޓޭޓް ނުވަތަ ކެޓެނޭޓް ޕްރޮޖެކްޓަކީ ގްލޯބަލް އެންވާރްމަންޓް ފެސިލިޓީ ޖެފްގެ ހިލޭ އެހީދަށުން އިންޓަރނޭޝަން ޔޫނިއަން ފޯ ކޮންޒަރވޭޝަން އޮފް ނޭޗަރ އައިޔޫސީއެން އެހީގެ ދަށުން ހިނގަމުދާ މަޝްރޫއެއްއެވެ.

މިމަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ ފަރުތަކާއި އަދި އެހެނިހެން މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމައްޓަކައި އެންމެ އެކަށީގެންވާ އަދި ހަމަހަމަ އުސޫލުން ބަލަހައްޓައި މެނޭޖްކުރެވޭ ފަދަ ސަރަހައްދުތަކުގެ ވިލުންވެރި ނެޓްވޯކެއް ޤާއިމްކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ސަރުކާރުން ހިނގާ މި މަޝްރޫއުގެ ދަށުން ފަރުކޮޅުު ވެގެންދާނީ ނޭޗަރ ޕާކު ތަރައްޤީކޮށް އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާ ފުރިހަމަ މިސާލަކަށްކަމުގައެވެ. އަދި މިރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ރީތި މާހައުލު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މިއީ ފުނަދޫގެ ތަރައްޤީއަށްވެސް އެހީތެރިވެދޭނެ މަޝްރޫއެއްކަން އެ ވުޒާރައިން ފާހަގަކުރައްވައެވެ.

ކެޓެނޭޓް ޕްރްޖެކްޓުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފައިނޭސް މެކޭނިޒަމްއެއް މި ސަރަހައްދަށް ފަރުމާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ ފައިދާ ލިބޭނެގޮތަށް ތަރައްޤީކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ސްޓާރޓަޕް ގްރާންޓް ދިނުން ފަދަ ކަންކަން ހިމެނޭކަމަށް ވިދާޅުވިއެވެ.

ފަރުކޮޅު ބެލެއެއްޓުމަށް 2 ރޭންޖަރުން ނަގާ ޔުނީފޯރމް މިހާރުވަނީ ހަވާލުކޮށްފައެވެ. މި ރޭންޖަރުންނަށް ޔުނީފޯރމް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްޙުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިންއެވެ. ފަރުކޮޅުގެ ނޭޗަރ ޕާކު މޮޑެލްއަކީ ދެމެހެއްޓެނިވި ގޮތުގައި ނޭޗަރ ބޭސްޑު ޓުއަރިޒަމް ތައާރަފްކޮށް އޭގެ ދަށުގެ ރަށުގެ ރައްޔިތުން ކުރިއަރާދާނެ ގޮތައް ޕްލޭންކޮށްފައިވާ މަސައްކަތެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.