ޚަބަރު

"ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ"


  • އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޗައިނާގައި ކުރިއަށްދާ ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން

ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޗައިނާގެ ޝަންހާއީގައި ކުރިއަށްދާ "ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑަރސް ކޮންފަރެންސް 2025"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ މަންދޫބެއްގެ ހައިސިއްުޔަތުން ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑަރސް ކޮންސްފަރެސްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ޑރ.ވަހީދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫންކަމަށާއި އެއީ ރާއްޖެ ދެމިއޮތުމާއި ނެތުން އޭގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ އަސަރުކުރާނީ ހަމައެކަނި ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ނޫންކަމަށާއި، ރާއްޖޭގެ ސަގާފަތާއި ތަރިކައާއި ތާރީޚު ނެތިދިއުމުގެ ބިރުވެސް އެކަމުގެ ސަބަބުން އެބައޮތްކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް، ރާއްޖެއަކީ ބަލިކަށި ޤައުމެއް ނޫންކަން ފާހަގަކުރައްވަމުން ޑރ. ވަހީދު ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރާނީ މި ދާއިރާއިން ކުރަމުންދާ މަސައްކަތުގައި ދުނިޔެއަށް ނަމޫނާ ދެއްކުމަށްކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކޮށް، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ ހަރުދަނާ ލީޑަރޝިޕަކީ ފައިސާއާއި ސައިޒުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމަށާއި، އެއީ ހިތްވަރުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއްކަމަށެވެ. އެގޮތުން ސައިންސްގެ އަލީގައި ފެންނަން ހުރި ހަޤީގަތް ޤަބޫލުކޮށް، ވަގުތީ ފައިދާއެއްގެ ބަދަލުގައި، އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް އިސްކަން ދިނުމަކީ ހަޤީގީ ލީޑަރޝިޕްކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން މަސައްކަތްކުރާނީ ހިތްވަރާއި އުއްމީދާއި ގުޅުންތަކުގެ ތެރެއިން މަސައްކަތްކޮށްގެން، ވިލުންތެރި އަދި ދެމެހެއްޓެނި، ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށްކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.