ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސް، ދަތުރުކުރާއިރު ސަމާލުވޭ!


  • މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައި

  • ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަަދަވާނެކަމަށްވެސް ލަފާކޮށްފައިވޭ

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވާނެކަމަށް ލަފާކުރެވޭކަމަށާއި، ޚާއްސަކޮށް ކަނޑުދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން މެންދުރު 14:00 ޖެހުމާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއި ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.


ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ވަކިން ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.