ށ. ފޭދޫގައި ތަރައްޤީކުރަން ފަށައި ގިނަދުވަސްވެފައިވާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިންމުމަށް ވަރަށް ބޮޑު އިސްކަނދެއްވާނެކަމަސާއި، ބާރު ދުވެލީގައި މަޝްރޫޢު ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 
ފޭދޫ ސްކޫލްގައި 8 ކްލާސްރޫމްއާއި މަލްޓިޕާޕަސް ހޯލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނުނިމި ވަނީ ދެ އަހަރުވެފައެވެ. ދެފަހަރެއްގެ މަތިން އެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލުކުރިއެެވެ. އެގޮތުން އެންމެ ފަހުން އެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުނިންވެސް މަސައްކަތް ހުއްޓާލާފައި އޮންނަތާ 6 ވަަރަކަށް މަސް ވަނީ ވެފައެވެ. 
		
			ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްޙުރިއްޔާ ވަނީ ސްކޫލްގެ މަސައްކަތް ނިންމަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރައީސް ވިދާޅުވީ 2 އަހަރުވެފައިވާ އެ މަޝްރޫޢު ނިންމުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. އަދި މައްސަލަ ހައްލުކުރުމުގެ ގޮތުން މީހުންނާއި ސާމާނު ގެނެސް ބާރު ދުވެލީގައި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 
"އެގްރީމަންޓް އައުކޮށްގެންވެސް އެ މަސައްކަތް ކުރުމަށް ފުރުޞަތު ދީގެން ކުރިއަށްގެންދެވޭނެކަމަށް ނުދެކެން. އެެންމެ އިސްކަމެއް ދީގެން ސްކޫލްގެ މަސައްކަތް މަލްޓީޕާޕަސް ހޯލް އަދި ކްލާސްރޫމްތަކުގެ މަސައްކަތް ކުރިއަށްގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
		
			ފޭދޫގައި ކުރިއަށްގެންދާ އިތުރު މަޝްރޫޢޫތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިހާރު ހަވާލުކިށްފައިވާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން 10 މަގު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަޝްރޫޢުއާއެކު ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދަތިތަކަށް ލުޔެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއާއެކު ރަށްގިރާތީ ރައްޔިތުންގެ އޮތް ކަންބޮޑުވުމަށް ހައްލު ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. 
ރައީސް ވިދާޅުވީ ފޭދޫގެ ބަނދަރުގެ މަސައްކަތަކާއި މޫދަށް އެރޭ ސަރަޙައްދު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށާއި އެ މަސައްކަތްވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދަވާނެކަމަށެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު އެންމެ މުހިއްމުކަމަށް 500 ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ބަޖެޓުގައި ހިމަނުއްވާނެކަމަށެވެ. އެއީ ހުރިހާ ފެސިލިޓީއެއް ހިމެނޭނެހެން ޒަމާނީ ފެންވަރަށް ބިނާކުރާނެ މިސްކިތެއްކަމަށާއި އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 
ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ހޭންޑޮ ބޯޅަ ކޯޓު އެޅުމަށް ބަޔަކާ ހަވާލުކޮށް 
ފުޓްބޅަ ދަނޑުގެ ޓާފުއެޅުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް ފުޓުބޯޅަދަނޑުގައި ހުރި އެހެނިހެން މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށެވެ. 
ސިއްޙީ ދާއިރާއިން ވަރަށް އަވަހަށް މިއަހަރު 24 ގަޑިއިރަށް ޚިދުމަތް ދޭ ތަނަކަށް ސިއްޙީ މަރުކަޒު ބަދަލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސިއްހީ މަރުކަޒުގެ ބޭނުންވާ ވަޒީފާތަކަށް މީހުން ނެގުމުގެ ހުއްދަތައް ލިބި އެ މަސައްކަތް ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ސިއްޙީ މަރުކަޒަށް ބައެއް އިތުރުކުރައްވާނެކަމަސް ވިދާޅުވެފައެވެ.  
މިގޮތުން އިތުރު ވޯޑުތަކާއި ސިއްހީ ޚިދުމަތް ބޭނުންވާ އެހެނިހެން ޖާގަތަތައް އެތަނުގައި ހިމެނޭނެކަމަށާއި އެކްސްޓަންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް މިއަހަރު ބަޔަކާ ހަވާލުކުރާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.