ޚަބަރު

ކަޒަކިސްތާން ސަފީރަކަށް އަޒީމާ، މޮރިޝަސްއަށް މަސްޢޫދު އައްޔަން ކުރައްވަން ފާސްކޮށްފި


  • މި މައްސަލަ ދިރާސާކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން

  • ކޮމިޓީން ނިންމީ ދެ ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް

ދިވެހިރާއްޖޭން ކަޒަކިސްތާނާއި މޮރިޝަސްއަށް ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ކަޒަކިސްތާނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް، އިންޑިއާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އައްޔަން ކުރެއްވުމަށެވެ. އަދި މޮރިޝަސްއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް ސްރީލަންކާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު އައްޔަން ކުރެއްވުމަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ނިންމެވީ ދެ ބޭފުޅުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ. އެއާއެކު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުންވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންނާއި ނޮން ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަޒަކިސްތާނާއި މޮރިޝަސްއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ފޮނުއްވާފައެވެ.