ތަރައްްޤީ

"ސެންޓްރޯ ޝޮޕިންގ މޯލް" ކުރިއަށް އޮތް 2 މަސްތެރޭ ހުޅުވަނީ


ސެންޓްރޯ ޝޮޕިންގ މޯލްއަކީ ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށާއި، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެއް ތަނަކުން ތަފާތު ވައްތަރުގެ ފިހާރަތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަންވެސް ހިމެނޭ ގޮތަށް ހަދާފައިވާ ޝޮޕިން މޯލެކެވެ. ޖުމްލަ 30 ޔުނިޓް ހިމެނޭހެން 3 ބުރިއަށް ހަދާފައިވާ މިތަނަކީ "ޝޮޕިންގ މޯލް"ގެ ކޮންސެޕްޓަށް ރާއްޖޭގައި ތަރައްޤީކޮށްފައިވާ ފުރަތަމަ ޢިމާރާތެވެ.

މި ޝޮޕިންގ މޯލްގައި ހަދާފައިވާ 30 ޔުނިޓްގެ ތެރެއިން 25 ޔުނިޓެއް އެކި ކަހަލަ ވިޔަފާރިތައް ހިންގުމަށް މިހާރު ކުއްޔަށް ދީފައިވާކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕޮރޭޝަން އެޗް.ޑީ.ސީއިން މަޢުލޫމާތުދެއެވެ. މިތަންތަން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ، 3 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށްކަމަށްވެސް އެޗް.ޑީ.ސީއިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/5227.jpg|ހުޅުމާލޭގައި ތަރައްޤީކުރާ ސެންޓްރޯ މޯލް- ފައިލް ފޮޓޯ: ޕީއެސްއެމް

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި އެޗް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ސެންޓްރޯ ޝޮޕިންގ މޯލްގެ ޔުނިޓްތަކުގައި ހެދުމަށް ހަމަޖެހިފައިވާ ފިހާރަތަކާއި، ރެސްޓޯރެންޓްތަކުގެ މަސައްކަތް އެއްކޮށް ނިމި، އެތަން ރަސްމީކޮށް ހުޅުވުމަށް އަދި ދެތިންމަސް ނަގާނެކަމަށެވެ. އެހެންނަމަވެސް، ޔުނިޓްތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް އެތަންތަނުން ޚިދުމަތް ދިނުމުގެ ހުއްދަ މިހާރުވެސް ދެމުންދާކަމަށް ސައިމަން ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެ ޢިމާރާތުގައި އިސްލާމިކް ބޭންކްގެ ބްރާންޗެއް އޮޕަރޭޓްކުރަމުންދާ ކަމަށާއި، މޮރިޝަސް ބޭންކްގެ ބްރާންޗެއްވެސް މިމަހުގެ ތެރޭގައި ހުޅުވިގެންދާނެކަން ސައިމަން ފާހަގަކުރެއްވިއެވެ.

"ކޮންމެހެން މުހިއްމު އެކިއެކި ޙިދުމަތްތައް ދޭ ފަރާތްތަކަށް އެތަން ހުޅުވަންވެއްޖެޔާ، ހުޅުވޭނެ އިންތިޒާމް އަޅުގަނޑުމެން މިދަނީ ހަމަޖައްސައިދެމުން. އިސްލާމިކް ބޭންކްގެ ބްރާންޗެއް މިހާރުވެސް ޝޮޕިންގ މޯލްތެރޭގައި އޮޕަރޭޓްކުރޭ. މޮރިޝަސް ބޭންކްވެސް މިމަހުގެ ތެރޭގައި ހުޅުވޭތޯ މަސައްކަތް ކުރަމުން އެދަނީ. އެހެންވީމަ މިހެން ހުރި ވަކިވަކި ޚިދުމަތްތައް އަޅުގަނޑުމެން މިދަނީ ޝޮޕިންގ ސްޕޭސް ހެދުމަށްފަހު، ޙިދުމަތްދޭން ބޭނުންވާ ފަރާތްތަކަށް ޙިދުމަތްދިނުމަށްޓަކައި އެފުރުޞަތު ހުޅުވާލަމުން" ސައިމަން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/4580.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޮޑެލް އެއް- ފޮޓޯ: އެޗްޑީސީ

ސެންޓްރޯ ޝޮޕިންގ މޯލްގެ ގްރައުންޑް ފްލޯއިން އިސްލާމިކް ބޭންކަށާއި، މޮރިޝަސް ބޭންކަށް 2 ޔުނިޓް ކުއްޔަށް ދީފައިވާއިރު، ޕޭސްޓްރީ ޝޮޕަކާއި، ބުކްޝޮޕަކާއި އަދި ސުޕަރ މާރކެޓެއް ހިންގުމަށްވެސް އެކި ފަރާތްތަކަށް ވަނީ ކުއްޔަށްދީފައެވެ. އަދި ފުރަތަމަ ފްލޯރ ގައި 7 ޔުނިޓެއް ހަދާފައިވާއިރު، މި ތަންތަން ޚާއްޞަކުރެވިފައިވަނީ ރީތިވާ ސާމާނާއި، ފޮތީގެ ވިޔަފާރިއާއި، ސުޕަރމާރކެޓަކަށް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. 2 ވަނަ ފްލޯރގައި ހިމެނޭ 12 ޔުނިޓެއް ޚާއްޞަ ކޮށްފައިވަނީ ކުދި ކައުންޓަރ ހަދައިގެން، ކިއޮސްކް ގޮތައް ޚިދުމަތް ދިނުމަށެވެ. އަދި 2 ވަނަ ފްލޯރގައި ކްލިނިކަކާއި، ފޮތީގެ ވިޔަފާރިއަށް ޚާއްޞަ ޔުނިޓަކާއި، ސެލޫނެއް ހިންގުމަށްވެސް ޔުނިޓްތަކެއް ވަނީ ޚާއްސަ ކޮށްފައެވެ.

މީގެއިތުރުން ސެންޓްރޯ ޝޮޕިންގ 3 ވަނަ ފްލޯރ ޚާއްޞަ ކޮށްފައިވަނީ ގޭތެރޭގައި ބޭނުންކުރާ ސާމާނާއި ކަރަންޓް ސާމާނުތަކަށް ޚާއްސަ ކޮށްފައިވާ ޔުނިޓްތަކަށެވެ. އަދި ޝޮޕިންގ މޯލްގެ ޓެރަސްގައި، ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.