ޚަބަރު

ނޫމަރާ އައު މިސްކިތުގެ ބިންގާ އަޅައިފި


  • މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް

  • މިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ތަރައްޤީކުރާނެ

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

މިމިސްކިތުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ނޫމަރާގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި ހިމެނޭ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. . މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

މި މިސްކިތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.