ތަރައްްޤީ

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމަނީ


ހުޅުމާލޭގައި މިހާރު ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުތެރޭ ނިންމާ، އަންނަ އަހަރުގެ ކުރީކޮޅު އެ ހޮސްޕިޓަލުން ޙިދުމަތްދޭން ފަށާނެ ކަމަށް ޓްރީޓޮޕް ހެލްތް ޕްރައިވެޓް ލިމިޑެޓްގެ މެނޭޖްމަންޓުން ބުނެފިއެވެ.

ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލެވެ. ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރާ 159 އެނދުގެ މި ހޮސްޕިޓަލް އިމާރާތް ކުރުމަށް ގާތްގަނޑަކަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެ ކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ.

ސަޕޯޓް ބިލްޑިންގއަކާއެކު ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓްރަކްޗަރ އެތުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ހަދާ 6 ބުރީގެ ޢިމާރާތާއި، ސަޕޯޓް ބިލްޑިންގގެ ގޮތުގައި އެކޮމަޑޭޝަންގެ އިންތިޒާމްތަކަށް ޚާއްޞަކޮށްގެން ހަދާ 8 ބުރީގެ ޢިމާރާތުގައިވެސް ކުރަންޖެހޭ ހުރިހާ ކޮންކްރީޓް މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މި ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ތުރުކީވިލާތުގެ ކުންފުންޏެއް ކަމަށްވާ، "ޓާރމެކްސް"އިންނެވެ.

img:http://s2.psmnews.mv/images/660x400/14690275175783.jpg|ހުޅުމާލޭގައި ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލް / ފޮޓޯ: ޕީ.އެސް.އެމް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީ.އީ.އޯ އެޑްގާރ ޓޯރަލް ހެނާންޑޭޒް ވިދާޅުވީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އެއަށްފަހު ތަނަށް ބޭނުންވާ މެޝިނަރީޒް ދެތިން މަހެއްގެ ތެރޭ އިންސްޓޯލްކޮށް، އަންނަ އަހަރުގެ 2 ވަނަ ކުއާޓަރގެ ތެރޭގައި ހޮސްޕިޓަލުން ޢާއްމުންނަށް ޙިދުމަތްދޭން ފަށާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، މިތަން ހިންގުމަށް ޙަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ރެމްސޭ ސިމް ޑާރބީއާ" އާއެވެ. ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާރު އަންނަނީ ހޮސްޕިޓަލް ހުޅުވުމުގެ ކުރިން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ހޮސްޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަމުން އަންނަކަމަށާއި، ގާތްގަނޑަކަށް 600 މީހުންނަށް ވަޒީފާގެ ފުރުޞަތު މިތަނުން ލިބިގެންދާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ހިއުމަން ރިސޯސަސް ރޫޕާ ރެޚްރާޖް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14690276405564.jpg|ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

ޓްރީޓޮޕް ހޮސްޕިޓަލުގައި މިހާރު ކުރަމުންދަނީ ޢިމާރާތުގެ ބޭރުގައި ފަސާޑް ޖެހުމާއި، އެތެރޭގައި ޕާޓިޝަން ޖެހުމުގެ މަސައްކަތެވެ. އަދި ބައެއް ޚިދުމަތްތަކަށް ބޭނުންވާ ގޭސް ސިލިންޑަރތައް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.