ޚަބަރު

ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަނީ


  • ދައުވާކުރަނީ ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް

ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ހުށަހަޅުއްވައިފިއެވެ.

އޭސީސީން ވިދާޅުވީ ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީގެ މައްޗަށް ކަމަށެވެ. އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ 2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކުރިނަމަވެސް އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަން ފެށުމުން ސިނގިރޭޓު އެތެތެކުރި ކުންފުންޏަށް ފަހިވާގޮތަށް މައްސަލަ ނިންމުމުގެ ބަދަލުގައި އެ ކުންފުނީގެ ދެ މީހެއްގެ ފަރާތުން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ހުށަހަޅުއްވާފައިވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާކުރުމަށެވެ.