މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގެ ބަނދަރު ތަަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މާޅޮހުގެ ބަނދަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށެވެ.
އެމްޓީސީސީއިން ވިދާޅުވީ، މާޅޮހުގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓުގައި 56,450 ޓަނުގެ ބޮޑު ހިލަ ހުންނާނެކަމަށެވެ. އަދި މި ޝިޕްމަންޓް، މި މަޝްރޫޢުގެ އިތުރުން، ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތްތަކަށްވެސް ބޭނުންކުރެވޭނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޮޑުހިލަ ރަށަށް އެރުވުމުގެ މަސައްކަތްކަތާއި، 450 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 453 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,365 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި 46,194 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ 75.43 މިލިއަން ރުފިޔާއަށް 930 ދުވަސް ތެރޭ ނިންމަން މި ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
770 މީހުންގެ އާބާދީއެއް ދިރިއުޅޭ ބ. މާޅޮހަކީ ބަނދަރުގެ ދަތިކަން އިންތިހާއަށް ތަޙައްމަލު ކުރަމުންދާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ޖާގައިގެ ދަތިކަށް ފިލައ،ި އުޅަނދުތައް އަޅާފައި ބާއްވާނެ ތަނަވަސް ބަނދަރެއް ލިބި، ލަފައިފުރުމުގެ ދަތިތައްވެސް ހައްލުވެގެންދާނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.