2020 ވަނަ ކުރިމަތިވި ކޯވިޑްގެ ޢާލަމީ ވަބާގެ ދުވަސްވަރު ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ހޯދުމަށް އޭރުގެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރޭގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދިޔަކަމަށް އިދިކޮޅު ފަރާތްތަކުންނާއި ނޫސްވެރިންވެސް ބުނަމުންނެވެ. އެކަމުގައި އެންމެ ބޮޑަށް ޝައްކު އުފެދޭ ގޮތް ދިމާވީ ވެންޓިލޭޓަރު ހޯދަން ހަވާލުކުރި ކުންފުނީގެ ސަބަބުންނެވެ.
ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް" ނަމަކަށް ކިޔާ ކުންފުންޏަކާއި އެ މަސައްކަތް ހަވާލުކުރިއިރު، އެއީ ބަޔަކު ދަންނަ ކުންފުންޏެއްވެސް ނޫނެވެ. އެކުންފުންޏަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތް ނަމެއް ނުވަތަ ޕޭޕަަރ ކުންފުންޏެކެވެ. މިކަހަލަ ޕޭޕަރ ކުންފުނިތަކަކީ ވަގަށް ނަގާ ފައިސާ ނުވަތަ ކުށްކޮށްގެން ހޯދާ ފައިސާ ފޮރުވުމަށް ނުވަތަ އެނޫންވެސް ޖަރީމާތައް ހިންގުމަށް އުފައްދާ ކުންފުނިތަކެއްކަން ދުނިޔޭގައި ހިނގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކަށް ބަލާލުމުން ހާމަވެއެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެންޓިލޭޓަރު ހޯދަން އެއްވެސް ބިޑަކާ ނުލާ ގޮތް ނޭނގޭ ކުންފުންޏަކާއި އެތައް މިލިޔަން ރުފިޔާއެއް ހަވާލުކުރުމުން، މިއީ ދިވެހި ދައުލަތަށް ގެއްލޭނެ ފައިސާއެއް ކަމަށް ބުނެ އެކަން ނުކުރުމަށް އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ދިޔައީ ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް އޭރު ދިވެހި ރައްޔިތުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، ގޮތްނޭނގޭ ކުންފުންޏަށް އެއްވެސް ގެރެންޓީއަކާއި ނުލާ 75 ވެންޓިލޭޓަރު ގަތުމަށް ހޭދަވާ ޖުމްލަ އަގުގެ 90 އިންސައްތަ ނުވަތަ 30 މިލިޔަން ރުފިޔާ ދީފައެވެ. ވެންޓިލޭޓަރު ގަތުމަށް އެހެން ދެ ކުންފުންޏަކާއި ހަވާލުކުރިއެވެ. ނަމަވެސް އެޑްވާންސް ފައިސާ ހަމައެކަނި ގޮތްނޭނގޭ ކުންފުންޏަށް ދިނުމަކީ މިކަމުގައި ޝައްކުތައް ބޮޑުވި އެއް ސަބަބެވެ.
އޭރުގެ ސަރުކާރުން އޭރު ބުނަމުންދިޔައީ އެ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށާއި، ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭނެކަމަށެވެ. ނަމަވެސް ވެންޓިލޭޓަރުތައް ހަވާލުކުރުމަށް އޮތް ތާރީހުތައް ފަހަނަައަޅައި، އިތުރު މުއްދަތުތައް ދިނުމުންވެސް 75 ވެންޓިލޭޓަރުގެ ތެރެއިން ރާއްޖެއަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ލިބުނު 15 ވެންޓިލޭޓަރުވެސް ހުރީ ބޭނުންކުރެވޭވަރަށް ވުރެ ފެންވަރު ދަށްކޮށް ކަމަށްވުމުން އެތަކެތި ސަރުކާރުން ބަލައިގެންފައެއް ނުވެއެވެ. އަދި ބާކީ 60 ވެންޓިލޭޓަރު ނުލިބުނުތާނގައި، އެ ގަންނަން ހަވާލުކުރި ދިވެހި ރައްޔިތުންގެ 30 މިލިޔަނަށްވުރެ ގިނަ ރުފިޔާވެސް ދިވެހި ދައުލަތަށް ލިބިފައެއް ނުވެއެވެ.
ވެންޓިލޭޓަރު ހޯދުމުގައި ގޯހެއް ނޯންނާނެކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ އޭރުގެ ސަރުކާރުން އެންމެފަހުން އެކަމުގައި ގޯހެއް އުޅޭކަމަށް އެއްބަސްވިއެވެ. އަދި ދައުލަތުގެ މިނިވަން މުއައްސަސާތަކުން އެ މައްސަލަ ތަހުގީގު ވެސް ކުރެއްވިއެވެ. ވެންޓިލޭޓަރުގެ މައްސަލަ އޮޑިޓަރ ޖެނެރަލް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމުން ހާމަވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކައަކީ ތެދެއްކަމެވެ. އެއީ ވެންޓިލޭޓަރުތައް ހޯދުމުގައި ސަރުކާރުގެ ތެރެއިން ބަޔަކު ހިޔާނާތްތެރިވެފައިވާކަމެވެ. އެގޮތުން މަސައްކަތް ހަވާލު ކުރުމާއި ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ބައެއް އޮފިޝަލުންގެ ނަމުގައި ސޮއިކޮށްފައި އޮތީ އެމީހުންނަށްވެސް ނޭނގި، ފޯޖްކޮށްގެނެވެ. މީގެއިތުރުން ވެންޓިލޭޓަރު ގަތުމަށް ބޭނުންވާ ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން އުޅުނުކަންވެސް އޮޑިޓް ރިޕޯޓުން ފެންމަތިވިއެވެ. މިކަންކަމުގެ އިތުރުން ގޮތް ނޭނގޭ ކުންފުންޏަކާއި އެ މަސައްކަތް ހަވާލުކުރީ، ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި މެޑިކަލް ސާމާނު އެތެރެކުރާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ކުންފުނިން މާ އަގުހެޔޮކޮށް އެކަން ކޮށްދޭން ސަރުކާރަށް ހުށަހަޅާފައި އޮތްވާކަންވެސް އޭރު ހާމަވިއެވެ.
އަދި ބިޑަކާއި ނުލައި، އަގު ބޮޑުކޮށް ވެންޓިލޭޓަރު ގެންނަން ގޮތް ނޭނގޭ ކުންފުންޏަކާއި ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިންކަމަށް އޭރުގެ ސަރުކާރުގެ ވެރިން ބުނިކަމުގައިވިޔަސް، އެފަދަ އެއްވެސް ލަފައެއް ޑަބްލިޔުއެޗްއޯއިން ދީފައި ނުވާކަން މި މައްސަލަ ތަހުގީގު ކުރުމަށްފަހު އެމްޑީޕީގެ ވެރިކަމުގައި ނެރެފައިވާ އޮޑިޓް ރިޕޯޓުން ހަމަވިއެވެ. ވެންޓިލޭޓަރު މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އޭރު އޮތް އެމްޑީޕީގެ ސަރުކާރުގެ ތެރެއިން ބަޔަކު ގަސްތުގައި ދިވެހި ރައްޔިތުންގެ ފައިސާއަށް އިހުމާލުވެފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ފުލުހުންގެ ތަހުގީގުތަކުން ހަމަވެފައެވެ. ނަމަވެސް އެ މައްސަލަތަކުގައި ދައުވާކުރަން ހުށަހެޅުމުން އެކިއެކި ބަހަނާތައް ދެއްކުމަށްފަހު ދައުވާ ނުކުރުމަށް އެމްޑީޕީގެ ސަރުކާރުން އައްޔަންކުރި ޕްރޮސެކިއުޓަރ ޖެނެރަލް އޮތީ ނިންމަވާފައެވެ.
އެމްޑީޕީގެ ސަރުކާރުން ހިންގި މުއާމަލާތްތަކެއްގެ ތެރެއިން ދިވެހި ރައްޔިތުންގެ އެތައް މިލިޔަން ރުފިޔާއެއް ގެއްލި، ސަރުކާރުގެ ތެރެއިންނާއި ބޭރުން ޕްރެޝަރު ބޮޑުވުމުން އެ ފައިސާ ހޯދުމުގެ ނަމުގައި މަސައްކަތްތަކެއް ފެށިނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހެޅުމުން އެ ބުނާ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް" ކުންފުނީގެ ވެރިން އުޅޭ ތަނެއް ނޭނގުނުތާނގައި، އެ މީހުންނަކީ ކޮބައިކަންވެސް އޭރު ނޭނގުނެވެ. 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ނިމުނުއިރުވެސް ވެންޓިލޭޓަރުގެ ފައިސާ ދިވެހި ދައުލަތަށް ހޯދިފައެއް ނުވެއެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އެމްޑީޕީގެ ސަރުކާރުން މަސައްކަތް ނުކުރިޔަސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ކޮރަޕްޝަނާއި ދެކޮޅަށް ފެއްޓެވި މަސައްކަތުގެ ދަށުން ވެންޓިލޭޓަރުތަކުގެ ފައިސާ ހޯދަން މަސައްކަތް ފެއްޓެވިއެވެ. މި މައްސަލާގައި ހިމެނޭ ދުބާއީ ކުންފުނީގެ ވެރިން ހޯދަން އިންޓަރ ޕޯލް ރެޑް ނޯޓިސް ނެރުމަށް އެދުމުގެ އިތުރުން ދުބާއީގެ ކޯޓަށްވެސް މައްސަލަ ހުށަހެޅުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދުބާއީ ކޯޓުން މިހާރު ވަނީ ދިވެހި ދައުލަތަށް ގެއްލުނު 30 މިލިޔަނަށްވުރެ ގިނަ ރުފިޔާއާއި އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމަށް ހިނގި ހަރަދުވެސް 7 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރަށް ދެއްކުމަށް "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"ގެ މައްޗަށް ހުކުމްކޮށްފައެވެ. މިއީ މި މައްސަލާގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.
ވެންޓިލޭޓަރު ގަތުމަށްކަމަށް ބުނެ އެމްޑީޕީގެ ސަރުކާރުން ހިންގި މުއާމަލާތަށް ބަލާއިރު ފެންނަނީ އެނގި ތިބެ، ގަސްތުގައި ދައުލަތުގެ ފައިސާއަށް އިހުމާލުވެފައިވާ މަންޒަރެވެ. ކޮލިޓީ ރަނގަޅު ވެންޓިލޭޓަރުތަކެެއް ދިވެހި ކުންފުންޏެއް މެދުވެރިކޮށް އަގު ހެޔޮކޮށް ލިބެން އޮތްވާ، ގޮތްނޭނގޭ ބޭރު ބަޔަކަށް އެއްވެސް ގެރެންޓީއެއް ނެތި 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދިނީ ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމުގެ ނިޔަތް އޮވެގެންކަމަށް ބުނުމުގެ ޖާގަ މާބޮޑަށްވެސް އެބައޮތެވެ. މިހުރިހާ ކަމެއްގެ ހަގީގަތް ހަމަވުމުންވެސް އޭރު ވެރިކަމުގައި ތިބި ފަރާތަކުން މިއަދު ބުނަމުންދަނީ ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތެއް ނޯންނާނެކަމަށާއި، ހުރިހާ ކަމެއްވެސް ކޮށްފައި އޮންނާނީ ހެޔޮ ނިޔަތުގައި ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
ދައުލަތުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ސަގާފަތާއި ދެކޮޅަށް މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރުގެ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު އެވަނީ ފައްޓަވާފައެވެ. ދިވެހިރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކަށް ހައްގު އަދަބު މިއަދު އެ ދަނީ ލިބެމުންނެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ މަސައްކަތުގައި ސިޔާސީ ފިކުރަށް، ނުވަތަ ވަކި ފަންތިއެއްގެ މީހަކަށް ނުބައްލަވާނެކަންވެސް އެދަނީ ސާބިތުކޮށްދެއްވަމުންނެވެ.
ދިވެހިރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ލިބެން އޮތީ ކޮރަޕްޝަން ނައްތާލައިގެންކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އިތުރަށް ހަލުވިކުރުމަށް ސަރުކާރުން މިހާރު ދަނީ ގެއްލިފައިވާ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް ހިމެނޭހެން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިތުރު 7 ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ގާނޫނުތައް ވުޖޫދުވުމާއެކު މިހާރަށްވުރެ ހަރުދަނާކޮށް، އަވަސް ދުވެއްޔެއްގައި ކޮރަޕްޝަން މައްސަލަތައް ބެލި، ދައުލަތަށް ގެއްލިފައިވާ ދިވެހި ރައްޔިތުންގެ ފައިސާ އާއި މުދާ އަނބުރާ ހޯދޭނެކަން ސަރުކާރުން ޔަގީންކުރައްވައެވެ. ނަމަވެސް މިއީ ކޮރަޕްޝަނުގެ ފައިސާއިން ތަނަވަސްކަން ހޯދާފައިވާ މީހުންނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މަގު މައްޗަށް މީހުން ނެރެ، ސަރުކާރު ވައްޓާލަން މިއަދު ބަޔަކު މަސައްކަތް ކުރަނީވެސް އެ ސަބަބާއި ހުރެކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.