ޚަބަރު

"ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" އިފްތިތާޙްކޮށްފި


  • މިއީ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެއް

  • މިއީ ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ފަންޑެއް

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް، ޑީއައިޕީން އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓު ފަންޑު "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" ދިނަފް، ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު އިފްތިތާޙްކޮށްފައިވަނީ، އެކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޕިޓަލް މަރކެޓް ޑިވެލޮޕްމެންޓް އޮތީރިޓޫގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކުއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

ދިވެހި އިންވެސްޓްމެންޓް ޕާޓްނާސްއިން އިފްތިތާހުކުރި ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑަކީ، ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ.

ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 6 މަހާއި 3 އަހަރާއި ދެމެދުގެ މުއްދަތުގެ އިންވެސްޓްމަންޓް ފުރުޞަތުތަކަށްކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑާގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާހިދު ތައުފީޤު ވިދާޅުވީ، މިފުރުޞަތުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށްވުރެ ރަނގަޅު ބަދަލެއް ލިބޭނެކަމަށެވެ. އަދި ކުރިއަށްއޮތްތނުގައި މި ފަންޑު އިތުރަށް ފުޅާކުރުމުގެ ވިސްނުން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ފަންޑު ލޯންޗުކުރާއިރުވެސް ދަންނަވާލަން ބޭނުންވޭ މިހާތަނަށް ރާއްޖޭގަ ޝޯޓް ޓާމް އިންވެސްޓްމެންޓް ފަންޑަކުން ލިބޭ އެންމެ ރަނގަޅު ފިކްސްޑް ރިޓާން މި ފަންޑު މެދުވެރިކޮށް ލިބިދޭނެ. މި ފަންޑަށް އަޅުގަނޑުމެންނަށް ލައިސަންސް ލިބިފަ އިނީ ޕްރައިވެޓް ފަންޑެއްގެ ގޮތުގަ. މާނައަކީ ކޮލިފައިޑް އިންވެސްޓަރުންނޭ މި ފަންޑުގަ ބައިވެރިވެފަމިވަނީ. ކުރިއަށްއޮތްތާނގަ މި ފަންޑު އިތުރަށް ފުޅަކުރުމަށް ވިސްނުން އެބައޮތް، ފަބްލިކް ފަންޑަކަށް ހެދުމަށް.އަޅުގަނޑުމެން ބޭނުންވަނީ މި ފަންޑު ފުޅާކޮށް ގިނަ ފަރާތްތަކަށް ފަންޑުގަ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން" އަބްދުލް ވާހިދު ތައުފީޤު ވިދާޅުވިއެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން، އެކުންފުނީގެ ނަފާ ފަންޑު، ދިނަފް އިފްތިތާހުކުރުމާއެކު، ޕުރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ޤަބޫލުކުރެއެވެ.