ޓުއަރިޒަމް

މަޓާޓޯ ޓްރެވަލް އެވޯޑަށް ރެކޯޑް އަދަދަކަށް ނަން ހުށަހަޅައިފި


މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑަށް ރެކޯޑް އަދަދަކަށް ނަން ހުށަހަޅާފައިވާ ކަމަށް މަޓާޓޯއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަކަށް ދޭ އަހަރީ މި އެވޯޑަށް ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އެވޯޑްތަކަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހުއެވެ. އައު 5 ކެޓަގަރީއާ އެކު މިއަހަރު ޖުމްލަ 35 ކެޓަގަރީއަކުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް އިތުރުކޮށްފައިވާ ފަސް ކެޓަގަރީ އަކީ، ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އަކަށް ދެވޭ އެވޯޑެވެ. މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސް އާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މާޓާޓޯގެ ރައީސް ޢަބްދުﷲ ޤިޔާސް ވިދާޅުވީ މިއަހަރުގެ ޓްރެވަލް އެވޯޑްސްގައި ވީހާވެސް ގިނަ ފަރާތްތަކަކުން ވާދަކުރުމަށް ނަން ހުށަހެޅުމަށް އެ އެސޯސިއޭޝަންގެ ފަރާތުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14639968190885.jpg|މަޓާޓޯގެ ރައީސް ޢަބްދުﷲ ޤިޔާސް ( ކަނާތުން ދެވަނަ އަށް ) މީޑިއާއަށް މަޢުލޫމާތުދެއްވަނީ

ޤިޔާސް ވިދާޅުވީ މިއަހަރުގެ އެވޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ އަދަދު އިތުރުވެފައިވަނީ އެ ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ޤަބޫލްކުރައްވާކަމަށް ޤިޔާސް ވިދާޅުވިއެވެ. ޤިޔާސް ވިދާޅުވީ އެވޯޑްތަކަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތައި އަދަދު ކުރިއަށް އޮތް ހަފްތާތެރޭ މީޑިއާއާއި ހިއްސާކުރައްވާނެ ކަމަށެވެ. މަޓާޓޯއިން ވަނީ ޓްރޮފީގެ ޑިޒައިނަށް ބަދަލު ގެނެސް، އައު ޓްރޮފީއެއްވެސް ތަޢާރަފްކޮށްފައެވެ. މިއަހަރުގެ އެވޯޑް ޝޯ ދެދުވަހުގެ އިވެންޓެއްގެ ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އެވޯޑް ޝޯ ބާއްވަން ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހު، މޯލްޑިވްސް ޓްރެވަލް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެތެރޭގައެވެ. މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިންތިޒާމްކުރާނީ ތިންކް އެޑްވަރޓައިސްމަންޓްގެ ފަރާތުންނެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ފަސްވަނަ އަހަރުއެވެ.