އަތޮޅުތައް

ކުޅުދުއްފުށި މަގު ހެދުމުގެ މަޝްރުޢޫ އަންނަމަހު ފަށަނީ


ބާރަ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހދ.ކުޅުދުއްފުށީގެ މަގުތަކަކީ، ވިއްސާރަ މޫސުމުގައި، ހިނގާ ބިނގާވެ ނޫޅެވޭ މިންވަރަށް ފެންބޮޑުވާ މަގުތަކެކެވެ. އަދި، މިއީ އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑެތި ދަތިތަކާއި ކުރިމަތިވާ، އަދި އެންމެ ބޮޑު ކަންބޮޑުވުމަކާއި ކުރިމަތިވާ ސަބަބުވެސްމެއެވެ. މި މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ ގދ.ތިނަދޫގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ މަސައްކަތް ނިމުމާއިއެކު، ދެން އެންމެ އަވަހަށް ފެށޭނީ ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުކަމަށެވެ. އަދި އަންނަމަހު އެމަސައްކަތް ފެށޭވަރުވާނޭކަމަށާއި، މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގެ ތޭރަ މަގެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/4125.jpg|ހދ. ކުޅުދުއްފުށި - ފޮޓޯ : ކުޅުދުއްފުށީ ލައިވް

"ގާތްގަނޑަކަށް 13 މަގެއް ހެދިގެންދާނެ. އެއީ އާންމުން ހިދުމަތް ހޯދަންދާ ގިނަ ފެސިލިޓީސްތައް ހިމެނޭ މައިގަނޑު މަގުތައް. ގިނަ މަގުތަކެއް ހެދިގެންދާނެ. ހޮސްޕިޓަލް ހުންނަ މަގާއި ދެން ގޮސް ވަރަށް ގިނަ މަގުތަކެއް ހެދިގެންދާނެ. މި މަސައްކަތް އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރ ތެރޭގައި މޮބްލައިސް ކުރުވަން އަޅުގަނޑުމެން މަސައްކަތް ކުރާނީ" މުޢިިއްޒު ވިދާޅުވިއެވެ. 

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ، ވިއްސާރަ މޫސުމުގައި އެ ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ރަށު ފެންވަރުގެ ކުރެވެން ހުރި މަސައްކަތްތަކާއިމެދު މިހާރު ގެންދަވަނީ މަޝްވަރާ ކުރައްވަމުންކަމަށެވެ. އަދި، މަގުތަކުގައި ފެން ބޮޑުވާން ދިމާވަނީ، އެ ރަށު ބޮޑުމަގުކަމަށްވާ އަމީނީމަގުގެ ކާނުތައް ފުރިގެންނާއި، ގޭގެއިން މަގަށް ފެން ބޭރުވާ ގޮތަށް ހުންނަ ހޮޅިތަކުގެ ސަބަބުންކަމަށެވެ.

ކުޅުދުއްފުށީ އަމީނީ މަގަކީ މިހާރުވެސް ތާރު އަޅައިގެން ރަނގަޅު ފެންްވަރަކަށް ހަދާފައިވާ މަގެކެވެ. ކުރިއަށް އޮތް މަޝްރޫޢުގެ ދަށުން، އަމީނީމަގު ފިޔަވާ، އެ ރަށުގެ އެހެނިހެން ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދިގެންދާނެއެވެ.