މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރިގޮތާއި އެ ހާދިސާގައި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ވަނީ ވަޒީރާ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ވަޒީރު ވިދާޅުވީ އެ މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސެޓެންޑަޑް ކޮމާންޑްސްގެ ފަތާރުން ތަހުގީގުކުރިއަށްގެންދާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން އިހުމާލުވި ކަމަށް ބުނެވޭ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާތައް ރިވިއުކޮށް، އެސްއޯޕީތަަކަށް މުވައްޒަފުން އަހުލުވެރިކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މި މައްސަލައިގެ ތަހުގީގަށް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒު ކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެ ކޮމިޝަނުން ޖިނާޢީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއޫދު އަހުމަދުގެ ބަޔާން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޔުމްނު ވެއްޓުނު ރޭ، އޭނާއާއެކު އިމާރާތުގައި އުޅުނު ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ރައީސުލްޖުމްޙޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތާއި އޭގެ ވަށައިގެން ހިނގައިދިޔަ ކަންކަމުގެ އިތުރުން އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކަށް ވަނީ ރިއާޔަތްކޮށްފައެވެ. މީގެ ތެރޭގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ހ. ފެންޓަނޯއީ ގެއަށް އޭނާ ދިއުމާއި، ވެއްޓުނު ފަހުން ކަން ހިނގައި ދިޔަ ގޮތާއި ފުލުހުން ޢަމަލުކުރި ގޮތާއި ހޮސްޕިޓަލާއި ދައުލަތުގެ އެހެނިހެން އިދާރާތަކުން ޢަމަލުކުރިގޮތް ވަނީ ބަލާފައެވެ.
ރިޕޯޓްގައިވާގޮތުން ހ. ފެންޓޮނޯއީ ގެއަށް ޔުމްނު އަދި މިމައްސަލައިގައި ދެން ޝާމިލްވާ ރައުދު އަހުމަދު ޒިލާލް ގޮސް ވަދެފައިވަނީ އަމިއްލަ އިޙުތިޔާރުގައެވެ. އެރޭ ކަންކަން ހިނގާފައިވާގޮތުން ޔުމްނު ވައްޓާލީ ކަމަށް ބެލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.