ގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ ބައްވަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި 2 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76އަށް ވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ގުރުއަތުގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ޙާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ގުރުއަތު ގެނުމަށް ހަމަޖެހިފައިވަނީ މާދަމާ 15:00 އިން ފެށިގެން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައި ކަމަށާއި، ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ އެ ވުޒާރާގެ މުވައްޒަފުންކަމަށްވެސް އެވުޒާރާއިން ވިދާލުވިއެވެ. ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި، ގުރުއަތު ނެގުން ކުރިއަށްދާ މަންޒަރު ޕީއެސްއެމްއާއި، އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓްކުރާނެކަމަސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ ކުރީ ސަރުކާރުންނެވެ. ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި، 2023 ނޮވެމްބަރު 15ގައި ނެރެފައިވާ ލިސްޓާ ގުޅިގެން، ގިނަ ޝަކުވާތަކަކެއް އޭސީސީއަށް އޭރު ހުށައެޅިއެވެ. ވުމާއެކު އެ މަސައްކަތް މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވަނިކޮށް ލިސްޓު ވަނީ ނެރެފައެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތުހަމަނުވެއެވެ.
މިސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަތައް ބައްލާފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.
ލިސްޓުގައި މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. މިގޮތުން 3164 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ޑިޕޮސިޓް ދެއްކުމުންނެވެ.