ޚަބަރު

އދ.ހަންޏާމީދޫ ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • މިމަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާ

  • ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ޤާއިމުކޮށްފައި

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިއިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.

މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ.

ހަންޏާމީދޫގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރާއި، ދާއިރާގެ މެންބަރާއި ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނެ ފަހި މާޙަޢުލެއް ޤާއިމުކުރުމަށް، އެކަމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ.