ޚަބަރު

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ 2 ވަނަ ގްރޫޕް ފުރައިފި


މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ތެރެއިން 565 މީހުން މިއަދު ވަނީ ފުރާފައެވެ. މިއަދުގެ ދެ ވަގުތެއްގައި ޙައްޖާޖީން ފުރާފައިވާއިރު، އެ އެންމެންނަށްވެސް މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ދެވިފައެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށްދާ ޙައްޖުވެރިން ފުރުވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާއިން ޚާއްޞަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޙައްޖުވެރިން ފުރުވާލުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން ހަރަކާތްތެރިވަމުންދާއިރު، ޙައްޖުވެރިން ފުރާ ދުވަސްތަކުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ދަނީ ޖުމްހޫރީ މައިދާނުގައި ޙައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށްދާން ފުރި ފުރަތަމަ ގްރޫޕް ފުރާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ. އެރޭ ފުރާފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ 222 މީހުންނެވެ. މިއަދު ފުރި 2 ވަނަ ގްރޫޕްގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ 266 މީހުންނާއި، ޒަޢީ ކުންފުނީގެ ޙަވާލުގައި ދިޔަ 200 މީހުންނާއި، އެކްރޯ ޙައްޖު ކުންފުނީގެ ޙަވާލުގައި ދިޔަ 99 މީހުންނެވެ.  

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަދު ދިޔަ މީހުން ފުރާފައި ވަނީ މިއަދު މެންދުރުފަހު 2:15 ހާއިރު ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ އެއަރލައިން، ސަޢޫދީއެއަރއިންނެވެ. އެމީހުންނަށް ސަޢޫދީއަށް ދެވިފައިވަނީ ސަޢޫދީ ގަޑިން، އިރުއޮއްސި 6 އެއް ޖަހާ ކަންހާއިރުއެވެ. ޒަޢީ ގްރޫޕާއި، އެކްރޯގެ ޙަވާލުގައި ދިޔަ މީހުން ފުރާފައިވަނީ ހަވީރު 4:15 ހާއިރު، މެގަ މޯލްޑިވްސްގެ ފްލައިޓެއްގައެވެ. މި ފްލައިޓުން ދަތުރުކުރި މީހުން މިރޭ 8 ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ސަޢުދީއަށް ދެވިފައެވެ.

މައްކާއަށް މިރޭ ދިޔަ މީހުންނާއެކު މައްކާގައި މިހާރު ތިބި ދިވެހި ޙައްޖާޖީންގެ ޢަދަދަކީ 787 އެވެ. ދިވެހި ޙައްޖުވެރިންގެ ދަތުރުތައް ރޭވިފައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހުވެސް ބައެއް މީހުން ސަޢޫދީއަށް ދިއުމަށް ފުރާނެއެވެ. ތާވަލް ކުރެވިފައިވާގޮތުން، ހޮނިހިރު ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ އެކްރޯގެ ޙަވާލުގައި ޙައްޖަށްދާ 102 މީހަކާއި، މިނާ ގްރޫޕްގެ ޙަވާލުގައި ދިއުމަށް ހަމަޖެހިފައިވާ 197 މީހުންނެވެ. އާދިއްތަ ދުވަހާއި، ހޯމަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ޙައްޖަށް ފުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހުން ފުރާމީހުން ފުރުމަށް ތާވަލް ކުރެވިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. އެއީ ސިސިލްފަރުގެ ޙަވާލުގައި ޙައްޖަށްދާ 200 މީހުންނެވެ.  

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ވަނީ ހަމަޖައްސަވާފައެވެ. ޙާއްޖާޖީން އެއަރޕޯޓަށް ދިއުމަށްޓަކައި ޙައްޖު ޖަމާޢަތްތަކުން ކަނޑައަޅާފައިވާ ގަޑިތަކަށް ޖަމާވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒަށެވެ. އަދި އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ފެރީގައި ކޮންމެ ޙައްޖާޖީއަކާއެކު 3 މީހަކަށް ހިލޭ ދެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސަވާފައެވެ.