ޚަބަރު

އަބުރު ރައްކާތެރިކުރުމުގެ ޤާނޫނާ ދެކޮޅުހަދަނީ ސިޔާސީ ވިސްނުމަކުން


އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި، ޤާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތެއްގެ އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކޮންމެ ދިވެހިރައްޔިތަކަށް ކަށަވަރުކޮށްދެއެވެ. އެމީހަކު މުޖުތަމަޢުގައި އަދާކުރާ ޙައިޞިއްޔަތަކަށް ބެލުމެއް ނެތި މުޅި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ އަބުރާ ކަރާމާތަކީ ދިވެހިރާއްޖޭގެ ދުސްތޫރުން ރައްކާތެރިކޮށްދޭ އެއްޗެއްކަން މިޤާނޫނު ކަށަވަރުކޮށްދެއެވެ.

މިއީ އިޖްތިމާޢީ އެތައް މައްސަލައަކަށް ލިބިގެންދާނެ ދެމެހެއްޓެނިވި ޙައްލެއް ގޮތުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. ސާބިތުނުހިފޭ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ދައްކައި، އެކަކު އެނެކަކުގެ އަބުރުކަތިލައި އަނެކާގެ އަގު މުޖުތަމަޢުގެ ތެރޭގައި ވައްޓާލުމައްޓަކައި ވާހަކަ ދެއްކުމަކީ ޢާންމު އިޖްތިމާޢީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމުގައިވިޔަސް މިފަދަ ކަންކަން މުޖުތަމަޢުގެ ތެރޭގައި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަމުންދެއެވެ. އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން މިކަން ވަނީ މަނާކޮށް، ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ.

ޤާނޫނު އަސާސީން ލިބިދޭ ކޮންމެ ޙައްޤަކީ ނުވަތަ މިނިވަންކަމަކީ އެއާ ގުޅިފައިވާ މަސްއޫލިއްޔަތު ތަކަކާއި ވާޖިބުތަކެއް ވާއެއްޗެއްކަމުގައި ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެމާއްދާގައި އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެފަރާތްތަކުގެ ޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އަނެކުންގެ އަބުރުކަތިލައި، އެހެން މީހުންނަށް ރައްދުވާގޮތަށް ޙަޤީޤަތެއް ނެތް ދޮގުވާހަކަ ދެއްކުން އަބުރުރައްކާތެރިކޮށްދިނުމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިންވެސް ޤާނޫނު އަސާސީން މިވަނީ މަނާކޮށްފައެވެ. އެހެންކަމުން މިޤާނޫނު ޤާނޫނު އަސާސީއާ ފުށުއަރާނެ އެއްވެސް ޖާގައެއް ނެތެވެ.

img:http://s3.psmnews.mv/images/660x400/6501.jpg|ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ / ފޮޓޯ: މަޖިލިސް

ޕަބްލިކް ސަރވިސް މީޑިއާއައްދެވި އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ މިފަދަ ޤާނޫނެއް ވުޖޫދަށް އަންނަންޖެހުނު ސަބަބަކީ ރާއްޖޭގެ އިޖްތިމާޢީ ޙާލަތު ބަދަލުވެ، އެކަކު އަނެކަކުގެ އަބުރަށް އަރައިގަނެ، މުޖުތަމުއުގެ ތެރޭގައި އިސްލާމް ދީނުގެ އަޞްލުތަކާ ދެކޮޅު ހަދައި ބައެއް ފަރާތްތަކުން ވާހަކަދައްކާ ހިސާބަށް އިޖްތިމާޢީ ނިޒާމު ބަލިކަށިވެގެން ދިއުމުން ކަމަށެވެ. މިއީ މިފަދަ ހުރިހާ މައްސަލައަކަށް ޙައްލު ހޯއްދެވުމުގެ ގޮތުން ފާސްކުރެއްވި މުހިންމު ޤާނޫނެއް ކަމުގައި ފޭދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

"އަންނަ ބަދަލުތައް އަންނަނީ މުޖުތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް އަޅުގަނޑުމެން ޤާނޫނުތައް ހަދާއިރު އަޅުގަނޑުމެން ނުޖެހޭ ބަލާކަށް އެމީހުންގެ ޤާނޫނުތައް ހުންނަ ގޮތެއް. ބޭނުންވަރަކަށް މިނިވަންކަން ދިވެހިރާއްޖޭގައި ނުއެއް ދެވޭނެ. ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ދިވެހިރާއްޖެވާތީ ދީނުގެ ޚުދޫދުތަކުގެ ތެރެއިން ޙައްޤުތައް ހޯދައިދެވޭނީ" ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުން މުޖުތަމަޢުގެ ފަރުދުންނާއި، މީޑިއާތަކަށް ވަނީ މުހިންމު ޒިންމާތަކެއް މަތިކޮށްފައެވެ. މިޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކަކީ މުޖުތަމަޢުގެ ޢާންމު ނިޒާމުގެ ތެރެއިންވެސް އެފަރާތްތަކުގެ ޒިންމާތަކެކެވެ. މިކަންކަން ޤާނޫނެއްގައި ބަޔާންކުރަން ޖެހިވަޑައިގަތީ މުޖުތަމަޢުގެ އިޖްތިމާޢީ ފޭރާން ބަލިކަށިވެ އެ ޒިންމާތައް އަދާކުރުމުގައި އެފަރާތްތައް ފަހަތަށް ޖެހެމުންދާތީ ކަމަށް ޕީ.އެސް.އެމާ ކުރިން ވާހަފުޅު ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ވަޒީރުންވެސް ވިދާޅުވެފައިވެއެވެ.