ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހެވެ. އެންމެ ފުރަތަމަ ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުގައެވެ.
މިއަދު މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މިއަހަރުގެ ޝިއާރަކަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" މިއެވެ. މި ޝިއާރުން ދޭހަކޮށްދެނީ އުނގަންނައިދިނުމަކީ ގުޅިގެން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމުކަމެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހަކީ، މުދައްރިސުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކަށް ހޭލުންތެރި ކުރުވައި، މުދައްރިސުން ވަމުންދާ ގުރުބާނީއާއި އެ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމަށްޓަކައި ފާހަގަކުރާ ދުވަހެކެވެ.
މުދައްރިސުންނަކީ ކޮންމެ ޤައުމެއްގައިވެސް، މުޖުތަމަޢު ތެރޭގައި ހިމެނޭ އެންމެ މުހިންމު މީހުންނެވެ. އެއީ މުސްތަގުބަލުގެ ޖީލަކީ ރަނގަޅު ތަރުބިއްޔަތެއްގެ ވެރި ދަރީންތަކަކަށް އެމީހުން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. އަދި ޤައުމެއް ބިނާކުރުމުގައި އެންމެ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ މީހުންގެ ތެރޭގައި މުދައްރިސުން އެންމެ އިސް ސަފުގައި ގުނާލެވެއެވެ. ރާއްޖެއަށް ބާލާއިރު ދެސީންނާއި ބިދޭސީ މުދައްރިސުން ދަރިވަރުންނަށް އުނގަންނައިދިނުމަށް ހަރަކާތްތެރިވެއެވެ.
ޚާއްސަކޮށް އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތައް ކިޔަވައިދިނުމަށް ބިދޭސީ މުދައްރިސުން ހަރަކާތްތެރިވެއެވެ. ނަމަވެސް މި މާއްދާތައް ކިޔަވައިދޭ ދިވެހި މުދައްރިސުން ވަކި މަދެއް ނޫނެވެ. ކޮންމެ ޤައުމެއްގެ މުދައްރިސެއް ކިޔަވައިދިންކަމުގައި ވީނަމަވެސް މި އެންމެންގެވެސް އޮތީ އެއް އަމާޒެކެވެ. އެއީ އެއްވެސް ކުއްޖަކު ބާކީނުކޮށް މޮޅު ކުދިންތަކެއް އުފައްދާ ޤައުމަށް ޚިދުމަތް ކޮށްދޭނެ ޖީލެއް ބިނާކުރުމެވެ.
ރާއްޖޭގެ ހުރި ސްކޫލްތަކުގައި 11000އަށް ވުރެ ގިނަ މުދައްރިސުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ކޮލެޖް ޔުނިވަރސިޓީތަކުގައިވެސް ލެކްޗަރަރއިންގެ ގޮތުގައި އެތައް މުދައްރިސުންނެއް އަންނަނީ ތަޢުލީމް ފޯރުކޮށްދެމުންނެވެ. މި މުދައްރިސުންގެ އަމިއްލަ ދިރިއުޅުމުން ގިނަ ވަގުތުތަކެއް ދަރިވަރުންނަށް ޚާއްސަކުރެއެވެ.
ތަފާތު މިޒާޖުގެ ދަރިވަރުން ކިިޔަވަމުން ދިޔަނަމަވެސް މުދައްރިސުން މަސައްކަތް ކުރައްވަނީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދިނުމަށެވެ. ފިލާވަޅުތައް ތައްޔާރުކުރުމާއި ފޮތްތަކާއި ޕޭޕަރު މާކު ކުރުމާއި، މިނޫންވެސް އެތައްކަމެއް ރެއާދުވާލު ކުރަމުންދެއެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މުދައްރިސުންގެ އަގުވަޒަންކޮށް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭކަމެކެވެ.
މުދައްރިސުންގެ ދުވަސް ފާހަގަކުރާއިރު ބައެއް މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ނުލިބުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ މަސައްކަތެއް ވަނީ ފައްޓަވާފައެވެ. މި މަސައްކަތުގެ ދަށުން 135 ދަރިވަރަކަށް މުދައްރިސްކަން ކިޔެވުމުގެ ސްކޮލަރޝިޕް ވަނީ ދީފައެވެ. މީގެ އިތުރުން އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންވެސް ތަމްރީންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޕްރީ-ސްކޫލުން ފެށިގެން މަތީ ތަޢުލީމާހަމަޔަށް ކިޔަވަމުންދާ އެތައްހާސް ދަރިވަރުންނަކީ އަންނަން އޮތް ޒަމާންތަކުގައި މިޤައުމުގެ އެކިއެކި މަސްއޫލިއްޔަތުތަކާއި ޙަވާލުވާނެ ބޮޑެތިމީހުންނެނެވެ. އެއީ މާދަމާ ޤައުމު ހިންގުމާ ޙަވާލުވާންތިބި ވެރިންނެވެ. މާދަމާ މިޤައުމު އޮންނާނެގޮތް ބައްޓަންވާނީ، މިއަދުގެ ދަރިވަރުން ތަރުބިއްޔަތުކުރި ގޮތެއްގެ މައްޗަށެވެ.