އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗުގައި ފެށި އެއްވުން ފަހުން ވަނީ ފުލުހުންނާއެކު އެއްބަސްވިގޮތާ ޚިލާފުވެ މަޖީދީމަގަށް ބަދަލުކޮށްފައެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ހަމަނުޖެހުން ހިންގުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތްކޮށްފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، މި މުޒާހަރާގެ ތެރެއިން މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފުލުހުން ވަނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އެހެންކަމުން މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް ފުލުހުން ވަނީ ނަޞޭހަތްތެރިވެފައެވެ.