ތިމާވެށި

މަޑަވެލީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުގެ މަސައްކަތް ހަވާލުކޮށްފި


ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީ އާ ޙަވާލުކުރައްވައިފިއެވެ.

ސަރުކާރުގެ ބަޖެޓުން 13.5 މިލިއަން ރުފިޔާ މި މަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. އާބާދީގައި ދެހާހަށް ވުރެ މީހުން ދިރިއުޅޭ މަޑަވެއްޔަކީ ރަށް ގިރުމުގެ މައްސަލައާއި، ދިޔަވަރު ބޮޑުވާ މޫސުމުގައި އުދަ އެރުމުގެ މައްސަލަ ކުރިމަތިވަމުންދާ ރަށެކެވެ. މަޝްރޫޢު ނިމިގެންދާއިރު، މަޑަވެލީގެ ގިރާ ސަރަޙައްދުގައި 454.5 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެއެވެ.

ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނީ، އެރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢާވެސް ގުޅުވައިގެން ކަމަށެވެ.

"މަޑަވެލީގެ ބަނދަރު ހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރު، އެރަށުގެ ބަނދަރުގެ ދެކުނުފަރާތުގައި ޖަހާ ބްރޭކްވޯޓަރއާ ގުޅުވައިގެން ތޮއްޓެއް ހަދަމުންދަނީ. އަޅުގަނޑުމެން ނިންމާފައިމިވަނީ އެ ތޮއްޓާ ގުޅުވައިގެން ރަށް ހިމާޔަތް ކުރުމަށް ޖަހާ ތޮށި ހަދާގޮތަށް." މިނިސްޓަރ ވިދާޅުވިއެވެ. 

ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން މަޑަވެލި ކައުންސިލްގެ ރައީސް ޝާހިދު އަޙްމަދު ވިދާޅުވީ، މި މަސައްކަތަކީ މަޑަވެލީގެ ރައްޔިތުން މި ވަގުތަށް ބޭނުންވެފައިވާ އެންމެ މުހިންމު އެއް މަޝްރޫޢުކަމަށެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން މަޑަވެއްޔަކީ މި އަހަރު ތެރޭގައި ފަށާ ފަސްވަނަ މަޝްރޫޢު ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 150 ދުވަސްތެރޭގައި ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.