ޚަބަރު

އައްޑޫ ސިޓީ "ދޮންހެރަ"ހަލާލު ޓޫރިޒަމް ތަރައްްޤީކުރުމަށް ހުޅުވާލައިފި


  • 8 ހެކްޓަރުގެ މި ރަށަށް އިތުރަށް ބިން އިތުރުކުރެވޭނެ

  • ރަށް ދޫކުރަނީ 50 އަހަރަށް

  • ބިޑަށް ހުޅުވާލުން އޮންނާނީ ޑިސެމްބަރު މަހު

އައްޑޫ ސިޓީ "ދޮންހެރަ" ހަލާލު ޓުއަރިޒަމަށް ކަނޑައަޅައި، ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ހުޅުވާލަފިއެވެ.

ހަލާލު ޓުއަރިޒަމް ކުރިއަށްދިއުމަށް މިހާތަނަށް ސަރުކާރުން ވަނީ 6 ރަށެއް އިޢުލާނުކޮށްފައެވެ. ދޮންހެރައަކީ މި ސްކީމުގެ ދަށުން އިޢުލާނުކުރި 7ވަނަ ރަށެވެ.

ދޮންހެރައަކީ 8 ހެކްޓަރުގެ ރަށެކެވެ. އަދި އެރަށް ފަތުރުވެރިކަމަށް ހުޅުވާލާފަވަނީ ބިން އިތުރަށް ހިއްކައިގެންވެސް މަޝްރޫޢު ގެންދެވޭގޮތަށެވެ. މި މަޝްރޫޢުއަށް ހުޅުވާލީ 100 އެނދު ފަތުރުވެރިކަމަށް ނެރޭގޮތަށެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ފުރުޞަތު ރާއްޖޭގެ ޑިވެލޮޕަރުން އަދި ރާއްޖެއިން ބޭރުގެ ޑިވެލޮޕަރުންނަށް ހުޅުވާލާފަވާކަމަށެވެ. މި ރަށް ދޫކުރަނީ ފަތުރުވެރިކަމާ ބެހޭ ޤާނޫނުގެދަށުން 5 އަހަރުދުވަހުގެ މުއްދަތަކަށެވެ. ރަށް ދޫކޮށް އެއްބަސްވުން ޤާއިމުކުރާތާ 3 އަހަރު ދުވަހުގެތެރޭގައި ތަރައްޤީކޮށް ޚިދުމަތަށް ގެންނަންޖެހޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 498،420 ޑޮލަރެވެ. މި މަޝްރޫޢުގެ ޕްރީ ބިޑް މީޓިންގ އޮންނާނީ މިމަހުގެ 27ވަނަ ދުވަހާއި އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ބިޑް ހުށައެޅުން އޮންނާނީ 8 ޑިސެމްބަރުގައެވެ.

ހަލާލު ޓޫރިޒަމަށް މިހާތަނަށް ހުޅުވާލާފައިވާ ރަށްތައް:

* ހއ. ބީނާފުށި،
* ހއ. ކަނޑާލިފިނޮޅު
* ހދ. މަކުނުދޫ ފަރު
* ށ.ފުށިފަރު
* ތ. މާގުޅި
* ލ.ފޮނަގާދޫ

ހަލާލު ޓޫރިޒަމަކީ ސަރުކާރުން މުޅިން އަލަށް ޕްރޮމޯޓްކުރާ ފަތުރުވެރިކަމުގެ ބާވަތެކެވެ.

ހަލާލް ނުވަތަ އިސްލާމިކް ޓޫރިޒަމަކީ މުސްލިމުންނަށް ޚާއްސަކޮށް އިސްލާމް ދީނުގެ އަސާސްތަކާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމެވެ. ސަރުކާރުން ވިދާޅުވީ، ހަލާލް ޓޫރިޒަމް ތަރައްޤީކުރާނީ ފަތުރުވެރިންނަށް ތަފާތު ގިނަ ޚިދުމަތްތައް ލިބޭނެގޮތައް ކަމަށެވެ. އެގޮތުން މި ރަށްތައް ތަރައްޤީވެގެން އަންނައިރު މިތަންތަނުގައި ފަތުރުވެރިންނަށް ނަމާދުކުރެވޭނެ މިސްކިތްތައްވެސް ހުންނާނެއެވެ. އެ ރަށްރަށައް ބަނގުރަލާއި، އޫރުމަސް އެތެރެކުރުން މަނާވާނެއެވެ. އަދި މިތަންތަނުން ތައްޔާރުކުރާ ކެއުންތަކުގައިވެސް އެއްވެސް ވަރަކަށް މިފަދަ ބާވަތްތައް އެކުލެވިފައި ނުހުންނާނެއެވެ. މީގެއިތުރުން މި ރިސޯޓްތަކުގެ މުވައްޒަފުންގެ ހެދުންއެޅުންވެސް ހުންނާނީ އިސްލާމީ މިންގަނޑުތަކާއި އެއްގޮތަށްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އައްޑޫގަ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފަވެއެވެ. ޝަންގްރިއްލާ ބަންދުކޮށްފައިވަނީ ކޯވިޑާއި ގުޅިގެން 2020 ވަނަ އަހަރުއެވެ.

އަދި މިދައުރު ތެރޭގައި އައްޑޫ ހަންކެޑެ ފަތުރުވެރިކަމުގެ މަޝްރޫޢު ކުރިއަށް ގެންގޮސް، ނިންމުމަށްވެސް ޢަމާޒުހިފާފަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ