ޚަބަރު

ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނުކުތުމަށް ހިތްވަރުދޭން އައު ލޯނު ސްކީމެއް!


  • ސްކީމަށް އެދުމަށް ނޮވެމްބަރުމަހު އެޕްލިކޭޝަންއަށް ހުޅުވާލަނީ

  • އެޕްލިކޭޝަން ހުށަހެޅޭނީ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށް

ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނުކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އައު ފައިނޭންސިންގ ސްކީމެއް ތަޢާރަފްކުރަން ނިންމާފައިވާކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއިން ވިދާޅުވެއްޖެއެވެ.

އެސްޑީއެފްސީއިން ވިދާޅުވީ، މި ސްކީމް އަންނަ ނޮވެމްބަރުމަހު ތަޢާރަފުކުރުމަށް ނިންމައިފައިވާކަމަށެވެ.

އަލަށް ތަޢާރަފްކުރާ ފައިނޭންސިން ސްކީމަކީ، އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ، ވިޔަފާރީގައި ހަރާކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އަންހެނުން ބާރުވެރި ކުރުވައި، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށް ތަޢާރަފްކުރާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން އެކި ދާއިރާތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީއިން ފައިނޭންސިންގ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް ތަޢާރަފްކުރާ އައު ފައިނޭންސިން ސްކީމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޙަސަން ވިދާޅުވީ، މި ސްކީމްގެ ސަބަބުން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"މިއީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމަށް ހުޅުވާލެވޭ މަގެއް. މި ސްކީމްގެ ދަށުން، ފަސޭހަ އަދި ލުއި ގޮތްތަކެއްގެ މަތިން ފައިސާ އަނބުރާ ދެއްކޭނެ ގޮތަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭ. މީގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނުކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި، ދެމިގެންދާނެ އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ. އެފަރާތްތަކަށް މި ފުރުސަތު ލިބިގެންދިއުމާއިއެކު، ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކުރެވޭ" ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.

އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އަލަށް ތަޢާރަފްކުރާ އައު ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުޅުވާލުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު ފުރަތަމަ ހަފްތާ ތެރޭގައިކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ. އަދި އެޕްލިކޭޝަން ބަލައިގަންނާނީ އެ ކުންފުނީގެ ވެބްސައިޓް www.sdfc.mv ގައިވާ 'އެސްއެމްއީ ޕޯޓަލް' މެދުވެރިކޮށްކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އެސްޑީއެފްސީ އިން މިހާރު ވެސް އަންނަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި އިޖުތިމާޢި އަދި އާއިލީ ތަރައްޤީއާބވެހޭ ވުޒާރާއާއި ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ފައިނޭންސިންގ ދޫކުރަމުންނެވެ.