ޚަބަރު

އަމާޒަކީ މިދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުން: ވަޒީރު ޠާރިޤު


  • ހަންކެޑެ މަޝްރޫޢުއަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައި

  • މިއަހަރު ތެރޭ ޢަމަލީ މަސައްކަތް ފެށުމަކީ އަމާޒެއް

  • އައްޑޫގައި ހަލާލް ޓުއަރިޒަމަށް ތަރައްޤީ ކުރަނީ ދޮންހެރަ

އަމާޒަކީ މިދައުރު ތެރޭގައި ހަންކެޑެ މަޝްރޫއެއް ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައްޑޫސިޓީގެ ހަންކެޑެ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅިގެން ބައެއް ފަރާތްތަކުން ކަނބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އައްޑޫސިޓީ ހަންކެޑެއަކީ ނިމިދިޔަ ސަރުކާރުން ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓެއް ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ ރަށެކެވެ. އެކަން ކުރުމަށް އެރަށުގެ ތެރެއިން ދާ ލިންކް ރޯޑްގެ ބައި ވަކިކުރަން ހަންކެޑެ ބޭރުން ބްރިޖެއްވެސް ވަނީ ހަދާފައެވެ. ނަމަވެސް އެ ރަށް ތަރައްޤީކުރުމުގެ މަސައްކަތެއް ފެށިފައި ނުވެއެވެ. އޭގެ ފަހުން ހަންކެޑެގައި ފަތުރުވެރިކަމުގެ އައު މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ އެރަށާ ގުޅޭ ގޮތުން މީގެ ކުރިން ނެރެފައިވާ ޤަރާރު އުވާލެއްވިއެވެ.

މި ނިންމެވުމުގެ ތަފްޞީލް ހާމަކުރައްވާ ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ސަރުކާރުން ފުރަތަމަ ހަންކެޑެ، ހަލާލް ފަތުރުވެރިކަން ތަރައްޤީކުރަން ނިންމި ނަމަވެސް، އެ ލިސްޓުން ފަހުން އުނިކޮށްފައިވާ ކަމަށެވެ. އަދި މިހާރު ބަލަމުންދަނީ ހަންކެޑެ އިންޓަގްރޭޓެޑް ޓުއަރިޒަމް ކޮންސެޕްޓުގެ ދަށުން ތަރައްޤީކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަން ކުރުމަށް ބަލަންޖެހޭ ކަންކަން ބަލައި، ބީލަމުގެ އުސޫލުން އެރަށް ތަރައްޤީކުރަން ހުޅުވާލަން މިހާރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭގައި ޢަމަލީ މަސައްކަތް ފެށުން ކަމަށާއި މި ދައުރު ތެރޭގައި އޮޕަރޭޝަނަށް ގެނައުމަކީވެސް އަމާޒެއް ކަމަށެވެ.

ސަރުކާރުން ހަންކެޑެ ހަލާލް ޓުއަރިޒަމް މަޝްރޫޢުއެއް ގޮތުގައި ތަރައްޤީކުރަން ފުރަތަމަ ނިންމި ނަމަވެސް މިހާރު އެ ލިސްޓުން އުނިކޮށްފައިވުމާއެކު ދެން ހަލާލް ޓުއަރިޒަމަށް ތަރައްޤީކުރަނީ މީދޫ ފަޅުތެރިން ފަތުރުވެރިކަމަށް އަލަށް ހިއްކާފައިވާ ދޮންހެރަ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގެ އިތުރު ތަފްސީލެއް ވަޒީރު ހާމަކުރައްވާފައި ނުވެއެވެ.

އައްޑޫސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. މިގޮތުން ސަރުކާރުން ހަންކެޑެ މަޝްރޫޢު އަށް ބަދަލު ގެންނަން ނިންމުމުގެ ކުރިން އެ މަޝްރޫޢު ކުރިއަށް ގެންދަންވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ މަޝްރޫޢުއަށް ލިބިފައި ނުވެއެވެ.