އަތޮޅުތައް

ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި


ލ.ކަޅައިދުއާއި ދަނބިދުއަށް ޢަމާޒުކޮށްގެން ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފައްޓަވާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމްކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ މަޤްސަދުގައި އިންޓަރނޭޝަނަލް ފަންޑު ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް އިފާޑާއި ގުޅިގެން ކުރިއަށް ގެންދަވާ ތަމްރީން ޕްރޮގްރާމެއްކަމަށެވެ. މިޕްރޮގްރާމްގައި ލ. ކަޅައިދުއާއި ދަނބިދޫއިން ޖުމްލަ 30 ފަރާތެއް ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ހިންގެވުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައިވެސް 15 ދުވަހުއެވެ.

img:http://s4.psmnews.mv/images/660x400/14715155335326.jpg|ލ އަތޮޅުގައި ހިންގާ ތަމްރީން ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިހާރު ލ.އަތޮޅުގައި ހިންގަވަމުންގެންދަވާ ތަމްރީން ޕްރޮގްރާމަކީ އެ އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގަވާ ޕްރޮގްރާމެކެވެ. ލ.އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުން ތަޖުރިބާކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މަޝްރޫޢުގެ ދަށުން ލުއި ލޯނުގެ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮށްޓާ އަދި ކުދި ހުއިފިލަނޑާދީގެނެވެ.

މި މަސައްކަތަށް ބޭނުންވާ ކުދި ހުއިފިލަނޑާ އަދި މަސައްކަތުގެ ޢަމަލީ ތަމްރީން ފޯރުކޮށްދެނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތްކުރަމުންދާ ކުންފުންޏެއްކަމަށްވާ ބަރަކަތުލްބަޚުރު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

މި މަސައްކަތުގެ ޕައިލެޓް ފިޔަވަހީގައި ލ. އިސްދޫ ކަޅައިދޫ އަދި ދަނބިދޫއިން ޖުމްލަ 100 ފަރާތަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.