ޚަބަރު

ސައުދީއާއި ރާއްޖެއާ ދެމެދު އޮތީ ގުޅިގެން މަސައްކަތްކުރުމުގެ ނަމޫނާ ގުޅުމެއް: ސައުދީ ސަފީރު


  • ސައުދީ-ރާއްޖެ ގުޅުމަށް 44 އަހަރުވަނީ ވެފައި

  • ދެޤައުމުގެ ގުޅުން އިތުރަށް ދަނީ ބަހިވަމުން

  • ގިނަ ދައިރާތަކުން ގުޅުން ބަދަހި ކުރުމަށް ސައުދީ އޮތީ ތައްޔާރަށް

ސައުދި ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ ކާމިޔާބު ގުޅުމެއްކަމަށް ރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވެއްޖެއެވެ. ސަފީރު މިހެން ވިދާޅުވީ ސައުދި ޢަރަބިއްޔާގެ 95 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ރާއްޖޭގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމީއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައުދި ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅައްވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވަނީ ދެ ޤައުމު ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މީގެ 44 އަހަރު ކުރިން ދެ ޤައުމުން ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ސައުދި ޢަރަބިއްޔާއިން ދެގޮތެއް ނުވެ ދިވެހިންނާއެކު އަބަދުވެސް ގާތްކަން ދަމަހައްޓަމުން އައިސްފައިވާކަމަށެވެ. ސަޢުދީ ރަސްގެފާނު އަދި ދެ ޚަރަމްގެ ޚާދިމް ސަލްމާން ބިން އަބްދުލްޢަޒީޒާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ ވަރުގަދަ ވަމުން އަންނަކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ. މި ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ އަޚްވަންތަ ގުޅުމެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވަނީ ރާއްޖެއާއި ސައުދީ ދެމެދު އޮތީ ގުޅިގެން މަސައްކަތް ކުރުމުގެ ކާމިޔާބު ފެންނަ މޮޑެލެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ދެޤައުމު ދެމެދު މިހާރު އޮތް ގުޅުމަކީ ޚާރިޖީ ގުޅުންތަކަށްވުރެ ފުޅާ އަދި ދެ ޤައުމުގެ މަސްލަހަތުތަކުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މިއީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމުންވެސް ދެއްވާ އިސްކަމުގެ ތެރެއިން އުފެދިފައިވާ ގުޅުމެއްކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އަދި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ސައުދި ޢަރަބިއްޔާއިން މިހާރު މަސައްކަތް ކުރަނީ 2030ގެ ތަޞައްވުރު ހާސިލްކުރުމަށްކަމަށް ސައުދީ ސަފީރު ވިދާޅުވިއެވެ. މި ތަޞައްވުރުގައި އައު ފުރުޞަތުތަކާއި ގުޅުންތައް ބައިނަލްއަޤްވާމީ މައިދާނުގައި އުފައްދަން އެ ޤައުމުން މަސައްކަތް ކުރަމުންދާކަމަށްވެސް ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ ވިދާޅުވިއެވެ.


ސަޢުދި ޢަރަބިއްޔަގެ ތަސައްވުރުތައް ހާސިލްކުރުމުގައި ދިވެހިރާއްޖެއިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން ބަދަހި ގުޅުމެއް ޤާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދަކުރައްވާފައެވެ. މިގޮތުން ދެ ޤައުމު ދެމެދު މިހާރު ޢުމްރާނީ ތަރައްޤީއާއި، ސިއްޙީ ދާއިރާ، މަސްވެރިކަން، ދަނޑުވެރިކަން، ވައިގެ ދަތުރުފަތުރުގެ ދާއިރާ އަދި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސައުދި ޢަރަބިއްޔާއިން ތައްޔާރުކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ޒުވާނުން ބިނާކުރުމާއި އިޔާދަކުރަނިވި ހަކަތައާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގައިވެސް އެޤައުމުން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ. ސައުދީ ސަފީރު ވަނީ ހަމަޖެހުމާއި ސުލްހަމަސަލަސްކަން އިސްކޮށް މުސްތަޤިއްލުކަން ދެމެހެއްޓުމަށް އެ ޤައުމުގެ އެއްބާރުލުން ލިބޭނެކަމަށްވެސް ވިދަޅުވެފައެވެ.

ސަފީރުގެ ވާހަކަކޮޅު ނިންމަވާލެއްވީ، ދެއުމުގެ ދެމެދު އޮތީ ހަމައެކަނި ޚާރިޖީ ގުޅުމެއް ނޫން ކަމަށާއި، ދެ ޤައުމު ދެމެދު އޮތީ އަޚްވަންތައް އަދި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވަމުންނެވެ. މި ގުޅުން މާތްﷲ ރަޙުމަތްފުޅުން އިތުރަށް ބަދަހިވެ ދެ ޤައުމުގެ ރައްޔިތުންނަށާއި ސަރަހައްދައް އަދި ދުނިޔެއަށްވެސް ފައިދާ ކުރަނިވި ގުޅުމަކަށް ވެގެންދާނެކަމަށް ރާއްޖޭގައި ހުންނަވާ ސަޢުދީ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވިދާޅުވިއެވެ.