24 ރަން މެޑެއްޔާއެކު ގައުމީ ޝޫޓިން ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ. 8 ކެޓެގަރީއަކުން ވާދަކުރި މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކުން އިންޑިވިޖުއަލް، މިކްސްޑް އަދި ޓީމު އިވެންޓުތައް ވަނީ ބާއްވާފައެވެ.
ހުރިހާފަރާތަކަށްވެސް ބައިވެރިވެވޭހެން ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ދެވަނަ ގައުމީ ޝޫޓިން މުބާރާތުގައި ހިމެނޭ ކެޓެގަރީތަކަކީ ޔޫތު އެއަރ ޕިސްޓޮލް، ޔޫތު އެއަރ ރައިފަލް، ޖޫނިއާ އެއަރ ޕިސްޓޮލް، ޖޫނިއާ އެއަރ ރައިފަލް، އޯޕަން އެއަރ ޕިސްޓޮލް، އޯޕަން އެއަރ ރައިފަލް، ޕްރޮފެޝަނަލް އެއަރ ޕިސްޓޮލް އަދި ޕްރޮފެޝަނަލް އެއަރ ރައިފަލް ކެޓަގަރީއެވެ.
މިމުބާރާތުގެ ރަން މެޑަލްތަކަށް ބަލާއިރު ޕްރޮފެޝަނަލް އެއަރ ޕިސްޓޮލް މެން ކެޓެގަރީގެ ބައިން ރަން މެޑަލް ހޯދާފައިވަނީ ޒިޔާން ޒިޔާއުއެވެ. އަދި އެއަރ ރައިފަލް ވިމެން އޯޕަން ބައިން ހަސްމާ ނަސީމް ރަން މެޑަލް ނަގާފަވާއިރު، އެއަރ ރައިފަލް މިކްސްޑް ޓީމް އޯޕަން ބައިން ރަން މެޑަލް ހާސިލްކުރީ ހަސްމާ ނަސީމް އަދި އަހުމަދު ޝާން ހުސައިންގެ ޕެއަރއިންނެވެ.
އެއަރ ރައިފަލް މެން ޔޫތު ކެޓެގަރީއިން މުހަންމަދު ޝާއިލް ހަސަން ރަން މެޑަލް ހާސިލްކުރިއިރު، އެއަރ ރައިފަލް ވިމެން ޔޫތު ކެޓެގަރީއިން ރަން މެޑަލް ހޯދާފައިވަނީ މަރްޔަމް މަންހާ ފަޒީލްއެވެ. އެއަރ ރައިފަލް ވިމެން ޓީމު އޯޕަން ބައިން ހައްވާ ޔޫނާ އަދި ޢާއިޝަތު ޝަމްޢާގެ ޕެއަރ ރަން މެޑަލް ނެގިއިރު، އެއަރ ރައިފަލް ވިމެން ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ޢާއިޝަތު މަލާކް ބިންތި މަހްމޫދުއެވެ. އަދި އެއަރ ރައިފަލް މިކްސްޑް ޖޫނިއާ ޖޫނިއާ އިވެންޓުން ފާތިމަތު ޝައިމާ މޫސާ އަދި މުހަންމަދު އަޝްހަމް ބިން ޝާހިދު ރަން މެޑަލް ހާސިލްކުރިއިރު، އެއަރ ޕިސްޓޮލް މެން ޓީމު ޕްރޮފެޝަނަލް ބައިން ޗެމްޕިއަންކަން ހޯދީ ޒިޔާން ޒިޔާއު އަދި ހާދު އަލީ ނަސީފްގެ ޕެއަރއެވެ.
ގައުމީ ޝޫޓިން މުބާރާތުގެ އެއަރ ޕިސްޓޮލް މެން އޯޕަން ބައިން ރަން މެޑަލް ނަގާފައިވަނީ މުހަންމަދު ސުބްހާތު ހާމިދު ޝަފީޤުއެވެ. އަދި އެއަރ ޕިސްޓޮލް ވިމެން އޯޕަން ބައިން ރަން މެޑަލް ހޯދީ ޢާއިޝަތު ނާސިފާ އުމަރުއެވެ. އެއަރ ޕިސްޓޮލް ވިމެން ޖޫނިއާ އިވެންޓުން އެއްވަނަ ހާސިލްކުރީ ފާތިމަތު ޝައިމާ މޫސާއެވެ. އަދި އެއަރ ޕިސްޓޮލް މެން ޖޫނިއާ ބައިން މުހަންމަދު އަޝްހަމް ބިން ޝާހިދު ރަން މެޑަލް ހާސިލްކުރިއިރު، އެއަރ ޕިސްޓޮލް މެން ޔޫތު އިވެންޓުން ޗެމްޕިއަންކަން ހޯދީ ޔޫސުފް ޒުހާން ހުސައިންއެވެ.
މީގެ އިތުރުން އެއަރ ޕިސްޓޮލް ވިމެން ޔޫތު އިވެންޓުން މަރްޔަމް މަލާކް މުހަންމަދު ވަނީ ގައުމީ ރިކޯޑަކާއެކު ރަން މެޑަލް ހާސިލްކޮށްފައެވެ. އަދި އެއަރ ރައިފަލް މެންސް އޯޕަން ބައިން އެއްވަނަ އަހުމަދު ޖައިލަމް ހާސިލްކުރިއއިރު، އެއަރ ރައިފަލް މެންސް ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންއަކީ ހާއިސް ރަޝާދުއެވެ. މިމުބާރާތުގެ އެއަރ ޕިސްޓޮލް މިކްސްޑް ތީމު އިވެންޓުން ރަން މެޑަލް ހޯދާފައިވަނީ އަހުމަދު ޝައްމޫން ޒާހިރު އަދި ޢާއިޝަތު ނާސިފާ އުމަރުގެ ޕެއަރއިންނެވެ. އެއަރ ރައިފަލް ޓީމް މޭލް ޔޫތު ކެޓަގަރީއިން އެއްވަނަ ހޯދީ މުހަންމަދު ޝާއިލް ހަސަން އަދި މުހަންމަދު މިޝްޢަލް އަބޫބަކުރު ރުސްތުމްގެ ޕެއަރއިންނެވެ.
އެއަރ ޕިސްޓޮލް ވިމެންސް ޕްރޮފެޝަނަލް އިވެންޓުން ރަން މެޑަލް ހޯދާފައިވަނީ މިހާތަނަށް ޝޫޓިންއިން ރާއްޖެއަށް ރިހި މެޑައްޔެއް ގެނެސްދީފައިވާ އުންމީދީ އެތުލީޓު މަރްޔަމް އީޝަލް މިސްބާހުއެވެ. އެއަރ ރައިފަލް މިކްސްޑް ޓީމު ޖޫނިއާ އިވެންޓުން އެއްވަނަ ހޯދީ މަރްޔަމް އަހުމަދު އަދި ހަސަން ނާޖިހް ނަޖްމީއެވެ. އެއަރ ރައިފަލް މިކްސްޑް ޓީމު ޔޫތު ބައިން ޗެމްޕިއަންކަން ހޯދީ މުހަންމަދު ޝައިލް ހަސަން އަދި އާއިޝަތު އިޝްޔާ ވިސާމްގެ ޕެއަރއިންނެވެ.
އެއަރ ރައިފަލް މެން ޕްރޮފެޝަނަލް ބައިން އެއްވަނަ ނަގާފައިވަނީ އުމަރު މުހަންމަދު ނަޝީދުއެވެ. އެއަރ ރައިފަލް ވިމެން ޕްރޮފެޝަނަލް އިވެންޓުން ޢާއިޝަތު އީޝާ ވަނީ ގައުމީ ރިކޯޑު އައުކޮށް ރަން މެޑަލް ހާސިލްކޮށްފައެވެ. އެއަރ ޕިސްޓޮލް މިކްސްޑް ޓީމު އިވެންޓުން އެއްވަނަ ހޯދީ އަލީ ޒަކްނޫން އަދި މަރްޔަމް މަލާކް މުހަންމަދުގެ ޕެއަރއިންނެވެ. އަދި އެއަރ ރައިފަލް މެންސް ޓީމުގެ ބައިން އެއްވަނަ ހާސިލްކުރީ އަހުމަދު މާއިދު އަދި އިބްރާހިމް ޝިފާންގެ ޕެއަރއެވެ.
އެއަރ ރައިފަލް ވިމެންސް ޓީމް ޕްރޮފެޝަނަލް ބައިގެ ޗެމްޕިއަނުންނަކީ ޢާއިޝަތު ރައުޝާ އަދި އާމިނަތު ޒާރާ އަހުމަދުގެ ޕެއަރއެވެ. އެއަރ ޕިސްޓޮލް މެން ޓީމު އިވެންޓުން އެއްވަނަ ހާސިލްކުރީ އަހުމަދު ސިރާޖް އަދި މުހަންމަދު ޝުބާތު ހާމިދު ޝަފީޤުގެ ޕެއަރއެވެ. އެއަރ ޕިސްޓޮލް މެން ޓީމު ޔޫތު ކެޓަގަރީއިން އެއްވަނަ ހޯދީ އަލި ޒަކްނޫން އަހުމަދު އަދި އިސްމާއިލް ފައުޒާން ހަސަންގެ ޕެއަރއެވެ.
ގައުމީ ޝޫޓިން ޗެމްޕިއަންޝިޕު ކުރިއަށްދިޔައީ ސެޕްޓެމްބަރުމަހުގެ 1 އިން 30 އަށް ޒުވާނުންގެ މަރުކަޒުގެ ޝޫޓިން ރޭންޖުގައެވެ. މިމުބާރާތުގައި 370 އެތުލީޓުން ވާދަކޮށްފަވެއެވެ.