ކުޅިވަރު

އައްޑޫ ސިޓީ ހިތަދޫގައި ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކުރުމަށް ކޯހެއް


ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކުރުމަށް ހިންގާ ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިކޯސް ކުރިއަށްދާނީ އައްޑޫ ސިޓީ ހިތަދޫގައެވެ. މިއީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނެޝަނަލް އިންސްޓްޓިއުޓް އޮފް ސްޕޯޓްސްއާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޭސިކް އަމްޕަޔަރިން ކޯހެކެވެ.

މިކޯހަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ޓެކްނިކަލް ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުގެ ކަނޑައަޅާފައިވާ އަމާޒުގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ.

ބެޑްމިންޓަން އަމްޕަޔަރިން ކޯސް ކުރިއަށްދާނީ މިމަހުގެ 12 އިން 20 ވަނަ ދުވަހަށެވެ. މިކޯހުގައި ބައިވެރިވުމުގެ ފުރުސަތުވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އައްޑޫ ސިޓީއަކީ ބެޑްމިންޓަންގެ ފޯރި ގަދަ ސިޓީއަކަށްވާއިރު، އެސިޓީއަކީ މިކުޅިވަރުން ފާހަގަކޮށްލެވޭ ގިނަ އެތުލީޓުންތަކެއް ނިސްބަތްވާ ސިޓީއެެކެވެ. މީގެ އިތުރުން މާލޭގައި ބޭއްވޭ މުބާރާތްތަކުންވެސް ރަންވަނަތަކެއް އައްޑޫ ސިޓީގެ އެތުލީޓުން ހޯދާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ކުޅިވަރުތައް ތަރައްގީކުރުމަށް ގިނަ ދާއިރާތަކަކުން މިހާރުވެސްދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމާއި ފަންނީ މީހުން ބިނާކުރުމުގެ މަސައްކަތް ހަލުވިދުވެލީގައި މިހާރުވެސް އަންނަނީ ކުރަމުންނެވެ.