 
										
			މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރައްވާނެއެވެ. 
އައު ޤާނޫނާއެކު އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުންގެ ތިއްބަވާނެއެވެ. އެއީ މީޑިއާތަކުން އިންތިޚާބު ކުރާ 4 މެންބަރުންނާއި މަޖިލީހުން އައްޔަން ކުރައްވާ 3 މެންބަރުންނެވެ. މީޑިއާ ކޮމިޝަނުގެ ޤާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރަންވާނެކަމަށް ޤާނޫނުގައި ބުނެއެވެ. 
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރައްވާ 3 މެންބަރުންގެ މަގާމަށް ކުރިމަތިލާން މަޖިލީހުން މިހާރު ވަނީ ހުޅުވާލާފައެވެ. މި މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުވެފައިވާ، މީޑިއާ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ނުވަތަ ދާއިރާގެ 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަަށެވެ. ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުން، މީޑިއާއެއްގެ އެޑިޓަރަކަށް ނުވަތަ މަސްއޫލުވެރި ފަރާތްތަކަށް އަދި ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިނުލެވޭނެއެވެ. 
ރައްޔިތުންގެ މަޖިލީހުން މި ފުރުޞަތު ހުޅުވާލާފައިވަނީ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި އެޕްލިކޭޝަން ފޯމާއި އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑާއި އައިޑީ ކާޑު ކޮޕީ އަދި ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތައް މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. 
މީޑިއާ ކޮމިޝަނަށް މީޑިއާތަކުގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުން އައްޔަން ކުރެއްވުމަށް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތައްޔާރުވެފައެވެ. އެގޮތުން އޮކްޓޮބްރު 11ވަނަ ދުވަހު މި އިންތިޚާބު ބާއްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ. 
މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ. އެއްވެސް މެންބަރަކަށް ދެ ދައުރަށްވުރެ އިތުރަށް މެންބަރުކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.