ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށްދޭ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025"އަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. މިއީ މި އެވޯޑްދޭ ފުރަތަމަ ފަހަރެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މި އެވޯޑް އަހަރަކު އެއް ފަހަރު ދިނުމަށް ހަމަޖެހިފައިވާކަމަށް ބީސީސީން ވަނީ ވިދާޅުވެފައެވެ. މިފަހަރުގެ އެވޯޑްގައި ފަނޑިޔާރުން ހޮވާ 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ. މި އެވޯޑާބެހޭ އުޞޫލު ބީސީސިން މިހާރު ވަނީ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.
އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީސީސީއިން އެކަމަށް ޚާއްޞަ ކޮށްފައިވާ އޮންލައިން ޕޯޓަލް (https://msme.bcc.mv) މެދުވެރިކޮށެވެ. އެކި ގިންތިތަކުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 02ވަނަ ދުވަހުގެ 23:59އާ ހަމައަށެވެ.
ބީސީސީން ވިދާޅުވީ މި އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތައް އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހި ވުމުގައި އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ. ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަ ކުރުމަށް ޓަކައި ހުޅުވާލެވިފައިވާ މި ފުރުސަތުގައި ވީހާވެސް ގިނަ ވިޔަފާރިތަކުން ބައިވެރިވުމަށް ބީސީސީން އެދިލައްވައެވެ.