ޔޫއޭއީގެ ޝާރިޖާގައި ބޭއްވި ޝާރިޖާ ނެރޭޓަރސް ފޯރަމް 2025ގެ ޝަރަފުވެރި ރާވީގެ އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހި ޤައުމިއްޔަތުގެ އިސްވާރުގެ، ތާރީޚު އިސްވާރު އަލްއުސްތާޛު ކަށިމާ އަޙުމަދު ޝާކިރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަަވައިފިއެވެ.
ކަށިމާ ޝާކިރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރާ އާދަމް ނަސީރު އިބްރާހީމާއި، އެވުޒާރާގެ މުވައްޒަފުންނާއި، ދިވެހި ޤައުމިއްޔަތުގެ އިސްވާރުގެ އިސްވާރުންނާއި، ޝާކިރުގެ އާއިލާއިންނެވެ.
ކަށިމާ އަހުމަދު ޝާކިރަށް ލިބިވަޑައިގެންނެވި ޝަރަފުވެރި ރާވީގެ އެވޯޑަކީ، ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށް ދެވޭ އެވޯޑެކެވެ.
ޝާރިޖާގެ އަމީރުގެ އަތްޕުޅުން ކާށިމާ ޝާކިރަށް މި އެވޯޑު ދެއްވީ އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމެއްގެ ދަށުން، ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހު 22 އިން 26 އަށް ކުރިޔަށް ގެންދިޔަ ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ތެރެއިންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، ޝާކިރު ވިދާޅުވީ، ޒަމާނީ އައު ވިސްނުންތަކާއި ޓެކްނޮލޮޖީގެ އެހީގައި ތަރިކައިގެ ދާއިރާއަކީ ޝައުޤުވެރި، ކުޑަކުދިންނާއި ޒުވާނުންގެ ތަރުބިއްޔަތުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއަކަށް ހެދުން މުހިންމުކަމަށެވެ.
" ރާއްޖޭގައި އަޅުގަނޑުމެންގެ ތަރިކައާއި އަޅުގަނޑުމެންގެ ޤައުމިއްޔަތާއި، އެގައުމިއްޔަތުގެ ރުކުންތައް ހަމައެކަނި މަދަރުސާއަކުން ނޫންކަން ފޯރުކޮށްދެވެން މިއޮތީ، ހަމައެކަނި ފޮތްތަކަކުން ނޫންކަން ފޯރުކޮށްދެވެން މިއޮތީކީ، ހަމައެކަނި މައިންބަފައިންނާ ހަމައިން އެކަންޏެއްނޫންކަން ފޯރުކޮށްދެވެން މިއޮތީކީ، އެކަން ކޮށްދެވެން އެބަ އޮތްކަން. އެ ފަންނުގެ އަހުލުވެރިން އެކުދިންނާ ބައްދަލުކޮށްގެން ޝައުގުވެރިކަމާއެކީގައި އެކަމުގެ ތެރޭގަ އެކުދިން އުޅޭނެ މާޙާއުލެއް ބިނާކުރެވިއްޖެއްޔާ ތަރިކައިގެ ދާއިރާއިން ކުޑަކުދިން އިތުރަށް ޝައުޤުވެރިވާނެކަން". ޝާކިރު ވިދާޅުވިއެވެ.
މިހާރު ޝާކިރުގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރުމާއި މުޤައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައް ކުރައްވަމުންނެވެ.
ކަށިމާ އަޙްމަދު ޝާކިރު ވަނީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އޭނާ ލިޔުއްވި ޤަރުނު ފޮތުގެ ސިލްސިލާ ފާހަގަކުރެވެއެވެ. އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ލިޔުއްވާފައިވެއެވެ.