އ.ދ ގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ.) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ދެކުނު ކޮރެއާގައި ބޭއްވި ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގެ ތެރެއިން ރާއްޖެއިން މި މަޤާމަށް ހޮވިވަޑައިގަތީ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ޝާފީއެވެ.
ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާފީ ހޮވިވަޑައިގެންފައިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުންނެވެ. އަދި އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ގޮނޑި ހޯދާފައިވެއެވެ.
މިއީ ދިވެހިރާއްޖެއިން އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީ. އެގްޒެކްޓެކިވް ބޯޑުގެ މެމްބަރުކަން އަދާކުރާ ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ރާއްޖެއިން މި ކޮމިޓީގައި ޖިއޯސްޕޭޝަލް ދާއިރާއިން ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުމަށް އިސްދައުރެއް އަދާކުރާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯ-ޗެއަރ އަދި ތިން ވައިސް-ޗެއަރ، ހިމެނޭހެން މުޅިއަކު 15 މެމްބަރުން ހިމެނޭނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިންގައި ރޭވުމުގައި އެގްޒެކްޓެކިވް ބޯޑުން އިސް ދައުރެއް އަދާކުރެއެވެ.
އ.ދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. އަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މަޢުލޫމާތު ތަރައްޤީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 56 ޤައުމުގެ ހިމެނޭ މި ޖަމްއިއްޔާއަކީ އ.ދ. ގެ ޖީ.ޖީ.އައި.އެމް. ގެ އޮނިގަނޑުގެ ދަށުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމްއިއްޔާއެކެވެ.