ޚަބަރު

ތ. ގުރައިދޫ ހޮސްޕިޓަލު އިމާރާތުގެ ބިންގާ އަޅައިފި


  • ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު

  • މި މަސައްކަތް ކުރިއަށްގެންދަނީ ވެމްކޯއާ ހަވާލުކޮށްގެން

ކޮޅުމަޑުލު ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

ތ. ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުރައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

ތ. ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ ވެމްކޯއާއެވެ.

ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.