ކުޅިވަރު

އިފްރާހްގެ ކުރު ކެރިއަރުން ފެނުނީ ކެރުމާއި ހުނަރުވެރިކަމާއި ހުށިޔާރުކަން


2007 ވަނަ އަހަރުގެ ރާއްޖޭގެ ގައުމީ ޓީމު އޭޝިޔާ ކަޕަށް ތައްޔާރުވަމުންދިޔައިރު އޭރުގެ ގައުމީ ކޯޗު ސްލޮވާކިޔާގެ ޖޯސެފް ޔަންކޭ އެފްއޭއެމަށް ލަފާ ދިނެވެ. ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ކުރިމަގަށް ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ފެށުމަށެވެ. މި ގޮތުން އޭނާ އެކުލަވާލި ލިސްޓުގެ އެއް ކީޕަރަކީ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފެވެ. މިއާއެކު ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި އޭނާ އިފްރާހު ގެންގުޅެން ފެށި އެވެ.

2008 ވަނަ އަހަރު އިންޑިޔާ ބަލިކޮށް ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސްކޮޑުގައި ވެސް ޔަންކޭ އިފްރާހް ހިމެނި އެވެ. މުބާރާތަށް ގެންދިޔަ ފައިނަލް ޓީމުގައި އެ ފަހަރު އޭނާ ނުހިމެނީ އުމުރު ހަނގުވުމުންނެވެ. ނަމަވެސް މުބާރާތް ކާމިޔާބުކޮށް ރާއްޖެ އަށް ލިބުނު މެޑަލް ކޯޗު އިފްރާ އަށް ވެސް ހޯދައިދިނެވެ.

ރާއްޖޭގެ ގިނަ ކޯޗުން ގަބޫލު ކުރި ގޮތުގައި އިފްރާހް އަކީ އޭރުގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ސްޓައިލިޝް އެއް ގޯލް ކީޕަރެވެ. ރަނގަޅު ފޯމުގައި ހުރެފިނަމަ އޭނާ އަކީ މެޗެއް ކާމިޔާބު ކުރެވޭ ފެންވަރަށް ކުޅެފައި ނޫނީ ދޫނުކުރާ ކީޕަރެކެވެ. މި ގޮތުން އޭނާގެ މޮޅު ކުޅުން އެންމެ ރަނގަޅަށް ފެނިގެންދިޔައީ އިފްރާހުގެ ފެށުން އައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުލަބު ވެލެންސިއާއިންނެވެ. އެ ކުލަބަށް ދެ ފަހަރެއްގެ މަތީން އޭނާ ވަނީ ކުޅެދީފަ އެވެ. އޭގެ ފަހުން މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ އަދި ނިއުރޭޑިއަންޓާއި ބީޖީގައި ވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ކެޕްޓަންކަމާއި އޭޝިއަން ކަޕް ކޮލިފައިން އާއި އޮލިމްޕިކް ކޮލިފައިންގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ވެސް އިފްރާހު ކުރި އެވެ. މީގެ އިތުރުން 2011 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ދިޔަ ސީނިއާ ގައުމީ ޓީމުގެ ރިޒާވް ކީޕަރެއްގެ ރޯލު ވެސް އޭނާ އަދާކުރި އެވެ. ހާއްސަކޮށް މާލޭގައި ކުޅުނު ކޮލިފައިން މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ކުރު ކެރިއަރެއް ހޭދަކުރި ނަމަވެސް އިފްރާ އަކީ އޭނާ ކުޅުނު ގިނަ ޓީމުތަކަށް ކާމިޔާބު ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާ ކުރި ކީޕަރެކެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ މި ފަހުން އުޅުނީ ސްޕޯޓްސް ފިޝިންގަ އެވެ.

އަޅުގަނޑުމެންނާ އިފްރާހު ވަކިވާން ޖެހުނީ ސްޓްރޯކެއް ޖެހިގެން ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމުގެ ތެރޭގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި ރޭ އޭނާ ނިޔާވީ ވަރަށް ޒުވާން އުމުރެއްގަ އެވެ. އުމުރުން 36 އަހަރުގަ އެވެ. އޭނާ ނެތަސް އޭނާގެ ކުޅުމުގެ ސްޓައިލާ މަތަކުރި ބޯލަތަކާއި ދެއްކި ހިތްވަރުގެ މަތިން ގިނަ ބަޔަކު ހަނދާން ހުންނާނެ އެވެ. މާތް ﷲ އިފްރާހުގެ ފުރާނަ އަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާ ކުރަމެވެ.