ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ޓަރމިނަލް 1އިން އިންޑިގޯއަށް ޚިދުމަތް ދޭން ފަށައިފިއެވެ. ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާފައިވަނީ ޖުލައި 26 ގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ މި ޓަރމިނަލަށް ބަދަލުކުރަމުންނެވެ. އެންމެ ފަހުން ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފަށާފައިވަނީ އިންޑިގޯއަށެވެ.
އިންޑިގޯއަށް ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން މި ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދީފައިވާއިރު ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ ރަތް ފިނިފެންމަލުންނެވެ.
އިންޑިގޯ އެއަރލައިނުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އިންޑިއާއަކީ މިހާރު ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 91،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އިންޑިގޯއަކީ ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށި 8 ވަނަ އެއަރލައިނެވެ. ޓާމިނަލް 1 އިން ޚިދުމަތްދެމުން އަންނަ އެހެން އެއަރލައިންތަކަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން، އެއަރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއަރ، ބެއިޖިންގް ކެޕިޓަލް އެއަރލައިންސް، ބަޓިކް އެއަރ އަދި ބެންކޮކް އެއަރވޭސްއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކުރެވިފައިވާ ޓަރމިނަލެކެވެ. އެގޮތުން މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސަރވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، މި ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ.