ޚަބަރު

މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ އިސްލާމްދީނަށް ނަސްރު ދިނުން: ރައީސް


  • އިސްލާމްދީން ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ

  • އިސްލާމްދީން ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނީ ސިކުނޑިތައް ތަރައްގީކޮށްގެން

އަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތާނގައިވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަތުން ހިފޭ ތަރައްގީއާއެކު އަތުން ނުހިފޭ ތަރައްގީއަށްވެސް ސަމާލުކަންދޭންޖެހޭ ކަމަށެވެ. އެއީ ވިސްނުމާއި އަޚްލާގު ކަމަށާއި މިހާތަނަށް ރާއްޖެ އެކުވެރި، އަދި އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި އޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށެވެ. އެހެންވެ، ކޮންމެ ރައްޔިތެއްގެވެސް އަޒުމަކަށްވާންވާނީ ކާބަފައިންގެ ޖިހާދުތަކުން ގެނެސްދިން އިސްލާމްދީން ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނީ ސިކުނޑިތައް ތަރައްގީކޮށްގެން ކަމަށެވެ. އަދި ޤައުމުގެ އެންމެ ފަޚުރުވެރި އެއްޗަކީ އިސްލާމްދީން ކަމުގައި ގަބޫލުކޮށް ދީނަށް ނަސްރުދޭންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުނިޔޭގެ ޖެހޭ ވަޔާއި އޮޔާއި މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކުދިން ޣަރަގުވާން ދޫކޮށްލައިފިކަމަށްވެއްޖެއްޔާ ބޭނުމެއް ނެތް މިތާ ކިތަންމެ ވަރަކަށް ބިން ހިއްކާ، ހޮސްޕިޓަލް އަޅައި، އެތައް ކަމެއް ކުރިޔަސް. އެއީ ދެން ދާންއޮތީ ދާއިމީ ބިމަށް. އެތަނަށް ދާން އޮތީ މިތަނުން ކުރާ އިންވެސްޓްމަންޓެއް ހިފައިގެން. އެއީކީ ފައިސާއެއް ނޫން. އެއީ ހިތުގައި ކުރާ އިންވެސްޓްމަންޓެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްލާމްދީނަށް ނަސްރު ދިނުމަކީ އަދުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ދެ އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ އެއްބާރުލުމާއެކު ދީނަށް ނަސްރު ދިނުމަށް ގިނަ ކަންކަން ހާސިލް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހާފިޡުން ތަމްރީން ކުރުމަކީ ފަޚުރުވެރި މަސައްކަތެއް ކަމަށާއި އަންނަ ރަމަޟާން މަހާ ހަމައަށް 74 ހާފިޡުން ތަމްރީންކުރެވުމަކީ ކުރު މުއްދަތެއްގައި ހާސިލްކުރެވޭ ކާމިޔާބީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޤުފު މަޝްރޫޢުތައްވެސް އެތައް ގުނައަކުން އިތުރު ކުރައްވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ ސަބަބުން ދީނަށް ހޭދަކޮށް ދީން ކުރިއަރުވަން އާމްދަނީ ލިބިގެންދާނެ ކަމަށާއި މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވަޤުފު އިމާރާތްތައް އަޅުއްވާނެ ކަމަށެވެ. އަދި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އެ އިމާރާތް ވެގެންދާނީ ޤުރުއާނާއި އިސްލާމް ދީނަށް އެތައް ޚިދުމަތެއް ކުރުމަށް މަގުފައިވާނެ އިމާރާތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒުވާން ޚަތީބުން އުފެއްދުމަކީވެސް މި ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500 ޒުވާން ޚަތީބުން އުފައްދާފައިވާއިރު އަންނަ އަހަރު އެ އަދަދު 1000 އަށް އަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ، އަދި އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ގާއިމުކޮށް އެކި ސަރަހައްދުތަކުގައި އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސްތައް ޤާއިމުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނުގައި ޒިކުރު ލިޔެފައިވާ ބޯޑުތައް ހަރުކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީނަށް ނަސްރު ދިނުމަށް މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.