ޚަބަރު

ވަންދޫ ބަނދަރު ތަރައްޤީކޮށް، ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް


  • މަސައްކަތް ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައި

  • ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ކުރިއަށްގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވި

ތ. ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކޮޅުމަޑުލުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށުގެ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ.

ވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ވަންދޫގައި އޭޓީއެމްގެ ޚިދުމަތްވެސް ފަށާފައިވެއެވެ.