ތ. ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް، އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވެވި ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެކަމަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމުހޫރިއްޔާ ނިންމެވި ނިންމެވުމެއްކަމަށެވެ.
މި މިސްކިތުގައި ޤުރުއާނާބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ދަނީ ހިންގަމުންނެވެ. އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދެއެވެ.
ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤަކީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ.ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.