ތަރައްްޤީ

ޓީއެމްއޭއިން ގަމުގައި ސީޕްލޭންގެ ޚިދުމަތް ފަށަނީ


އައްޑޫ ސިޓީ ގަމުގައި ސީޕްލޭން އޮޕަރޭޓްކުރުމުގެ މަސައްކަތް ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭއާ ޙަވާލުކޮށްފިއެވެ.

ގަމުގައި ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރުމަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. ގަމުގައި ސީޕްލޭން އޮޕަރޭޓްކުރުމުގެ ހުއްދަ ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭއަށް ދިނުމުގެ އެއްބަސްވުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ކުންފުނި ކަމަށްވާ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑާއި، ޓީ.އެމް.އޭއާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙުމަދު ސަޢީދެވެ. އަދި ޓީ.އެމް.އޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ، އޭ.ޔޫ.އެމް ފައުޒީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީ.އެސް.އެމްއާއި ވާހަކަދައްކަވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙުމަދު ސަޢީދު ވިދާޅުވީ، ގަމުގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ސާވޭގެ މަސައްކަތާއި، ސީޕްލޭން އޮޕަރޭޓްކުރުމަށް ބޭނުންވާ ރަންވޭގެ ފަޅު ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އަމާޒަކީ އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ހިންގާ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ސީޕްލޭންގެ ޚިދުމަތް ގަމުގައި ތަޢާރަފުކުރުން ކަމަށެވެ.

"އަޅުގަނޑުމެން އެގްރީމެންޓުގައި ސޮއިކުރުމުގެ ކުރިންވެސް ޓީ.އެމް.އޭއިން އެކޮޅަށް ވަޑައިގެން، ހައްދަވަންޖެހޭ އިންސްޕެކްޝަންތައް ހައްދަވާ، އެ މަސައްކަތް ވަރަށް ބޮޑަށް ޕްރޮގްރެސްވެފައި އެއޮތީ. މިހާރުވެސް އެބޭފުޅުން ވަޑައިގެން، މާދަންވެސް ހަމަ ފައްޓަންވީ އަމަލީ މަސައްކަތް" އިބްތިޝާމާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14713604255911.jpg|ގަމުގައި ސީޕްލޭންގެ ޙިދުމަތްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޓީ.އެމް.އޭގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ބިޒްނަޒް ޑިވެލޮޕްމަންޓް މެނޭޖަރ އަޙްމަދު ފަޒީލް ވިދާޅުވީ، ގަމުގައި ސީޕްލޭން ބޭސްއެއް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިންމަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެކަމަށެވެ. އަދި އައްޑޫ އެއަރޕޯޓް ތަރައްޤީކުރެވޭ މިންވަރަކުން، ފޮޓޯ ފްލައިޓްގެ ޚިދުމަތާއި، މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ފަދަ މިހާރުވެސް އެކުންފުނިން ދެމުން އަންނަ ޚިދުމަތްތައް ތަޢާރަފުކުރަމުން ގެންދާނެކަމަށެވެ. ހަމައެހެން އެ ސަރަޙައްދުގެ ޓްރެފިކް ޖާގަދިން މިންވަރަކުން ފުވައްމުލަކާއި، ހުވަދުއަތޮޅުގެ ރަށްތަކަށްވެސް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ފަޒީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތަށް ތައްޔާރުވާތާ ދުވަސްކޮޅެއް ވެއްޖެ. ދެތިންމަހެއްގެ ތެރޭގައި މަސައްކަތް ފެށިގެން ކުރިއަށްދާނެ. މުސްތަޤުބަލުގައި ރަނގަޅުވެގެންދާނެކަމަށް މި އުއްމީދުކުރަނީ. ދަތުރުތައް މިބަލަނީ ފުރުޞަތެއް ލިބިއްޖެޔާ ފުވައްމުލަކަށްވެސް ކުރެވޭތޯ. ގއ. އަދި ގދ ކުރެވޭތޯ. އަދި މެޑިކަލް އިވެކުއޭޝަންގެ ޙިދުމަތް، ފޮޓޯ ފްލައިޓްގެ ޚިދުމަތްވެސް ތަޢާރަފުކުރެވޭތޯ. ބޮޑަށް މިކުރިއެރުން ލިބޭނީ ގަމު އެއަރޕޯޓް ތަރައްޤީވާގޮތަކުން. އެދިމާ ޓްރެފިކް ލިބޭވަރަކަށް މިކަން ފުޅާކުރެވޭނީ" ފަޒީލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/7283.jpg|އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސީޕްލޭން ބޭސް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދު / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

ޓީ.އެމް.އޭގެ ބިޒްނަޒް ޑިވެލޮޕްމަންޓް މެނޭޖަރ ފަޒީލް ވިދާޅުވީ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ ފެންވަރުގެ ސީޕްލޭން ބޭސްއެއް ގަމުގައިވެސް ޤާއިމުކުރާނެކަމަށް. އަދި އެކުންފުނީގެ އަމާޒަކީ މިކަމަށް އޮންނަ ޑިމާންޑަށް ބަލައި، ލިބޭ ތަރުޙީބެއްގެ ނިސްބަތަށް ބިނާކޮށް، މި ޚިދުމަތް އައްޑޫ ސީޓީގައި ފުޅާކުރުންކަމަށް.

"ސީޕްލޭން ބޭސްއެއް ޤާއިމުކުރެވޭނީ އެތަން ސެޓިފައިކުރެވިގެން. މިނިމަމް ރިކުއަމަންޓްތަކެއް އެސްޓެބްލިޝްވެގެން. އެހެންވީމާ ސީޕްލޭން ރަންވޭ އެސްޓެބްލިޝްކުރުމާއި، ގްރައުންޑް ހޭންޑްލިންގ ފެސިލިޓީޒް އެސްޓެބްލިޝްކުރުމުގެ ކަންކަން ކުރެވިގެންދާނެ. މި ޚިދުމަތް ފަށްޓާފައި މާރކެޓް ގްރޯވާ މިންވަރަކަށް ބެލުމަށްފަހު އޮންނަ ޑިމާންޑާ އެއްވަރަށް. ހަމަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ގެންގުޅުނު މޮޑެލް ހަމަގެންގުޅޭނީ. އެއީ ޑިމާންޑް ބޭސް އޮޕަރޭޝަނެއް ކުރިއަށް ގެންދާނީ" އޭނާ ވިދާޅުވިއެވެ.

ފާއިތުވި 3 އަހަރުވެސް އިންޑިޔާ ސަރަޙައްދުގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރގެ އެވޯޑް ޙާޞިލްކޮށްފައިވާ ޓީ.އެމް.އޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓާއެކު އެންމެފުޅާ ދާއިރާއެއްގައި މި ޚިދުމަތް ދެމުން އަންނަ ކުންފުންޏެވެ. އެގޮތުން އެކުންފުނިން މިހާރުވެސް 45 ޓުވިން އޮޓޯ ސީޕްލޭން ދަނީ އޮޕަރޭޓްކުރަމުންނެވެ.