ތަރައްްޤީ

މާލޭގެ މަގުތައް މަރާމާތު ކުރެއްވުމުގެ މަސައްކަތް މިމަހު ފަށަނީ


މާލޭ ސިޓީގެ މަގުތައް މަރާމާތު ކުރެއްވުމުގެ ބިޔަ މަޝްރޫޢު މިމަހުގެ ތެރޭގައި ފެއްޓެވުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކި ފިޔަވަހިތަކަކަށް ބައްސަވަލައްވައިގެން ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭ ސިޓީއަށް ޢުމްރާނީގޮތުން ސަރުކާރުން ގެންނަވާ ބަދަލުތަކުގެ ތެރެއިން، ދެން އެންމެ އަވަހަށް ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ރަނގަޅު ފެންވަރަކަށް މަރާމާތުކުރައްވައި ފުރިހަމަ ކުރެއްވުމެވެ. މި މަސައްކަތް ފެއްޓެވުމަށް ބޭނުންވާ މެޝިނަރީއާއި އިންސާނީ ވަޞީލަތް ހޯއްދެވުމުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ވަނީ ނިމިފައެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ވެހިކަލްތައް ދުއްވާ މަގުތަކަކީ މާލޭ ސިޓީގެ މަގުތައް ކަމަށްވެފައި، މި މަޝްރޫޢާއެކު މަގުތައް އެއްވަރު ނުވުމާއި، ވިއްސާރަ މޫސުމަށް މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް މި މަޝްރޫޢުން ލިބިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. img:http://s1.psmnews.mv/images/660x400/7713.jpg|މާލޭ މަގުމަތި - ފޮޓޯ: ޕީއެސްއެމް ނިއުސް ފައިލް

މާލޭގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތު ކުރެއްވުމަށް ހައްދަވަންޖެހޭ ދިރާސާތައް ހައްދަވައި، އެކަމާއިގުޅުން ހުރި ހުރީހާ ބައިވެރިންނާއި މަޝްވަރާ ކުރެއްވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ. ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް މަރާމާތު ކުރެއްވުމަށް މީގެ ކުރިން ނިންމަވާފައިވީނަމަވެސް، މިނިސްޓްރީން އެކުލަވާލައްވާފައިވާ ޕްލޭނަށް މިހާރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. މި ބަދަލު ގެންނެވީ އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން މަޖީދީމަގުގައި "ސިވިއަރ ޕައިޕްލައިން" ތަކެއް އެޅުމަށް ގާތްގަނޑަކަށް ދެތިން މަހުގެ މުއްދަތެއް ބޭނުންވާތީވެ، މަޖީދީމަގުން މި މަސައްކަތް ފަށްޓަވައިފިނަމަ، އިތުރު ދުވަސްތަކެއް ހޭދަވާނެތީ، ވަގުތު ސަލާމަތް ކުރެއްވުމުގެ ގޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަހުގެ ތެރޭގައި މަގުތައް މަރާމާތު ކުރެއްވުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އެމް.ޑަބްލިއު.އެސް.ސީއިން ބޭނުންވޭ މަޖީދީމަގުގައި އިތުރު ސިވިއަރ ޕައިޕްލައިންތަކެއް އަޅަން. އެ މަސައްކަތަށް ގާތްގަނޑަކަށް ދެތިން މަސް ހޭދަވާނެ. މަޖީދީމަގުން ފަށަން މަޑުކުރަންޏާ ތިން ހަތަރު މަސް ފަހަތަށް އެބަދޭ. އަޅުގަނޑުމެން މިހާރު އެކަމަށް ބޭނުންވާ މެޝީނަރީޒްއާއި، ގައު ހޯދައިފިން. މަސައްކަތު މީހުން ހޯދާ ނިމެނީ. އެހެންކަމުން މަޖީދީމަގަށް މަޑުނުކޮށް ދެން އެންމެ ބޮޑަށް ހަލާކުވެފައިވާ މައި އެހެން މަގަކުން މި މަސައްކަތް ފަށާނަން. އަމާޒުކުރަނީ އޯގަސްޓްމަހުގެ ތެރޭގައި ކޮންމެސް އެއް ބޮޑު މަގަކުން މަސައްކަތް ފެށުން" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި "ޑްރެއިނޭޖް ސިސްޓަމް"ތައް ހަރުކުރައްވައި، މަގުތައް ލެވެލް ކުރައްވާނެއެވެ. އަދި ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކުރެވިގެންދާނެއެވެ. ހަމައެހެންމެ، އެކިކަހަލަ ކޭބަލްތައް ވަޅުލުމަށް އިރުއިރުކޮޅުން މަގުތައް ކޮންނަން ނުޖެހޭނޭހެން އެންމެ ޒަމާނީ "ޖަންކްޝަން ބޮކްސް"ތަކެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި. މާލޭގެ މަގުތައް ހެދިފަހުން އެތައް އަހަރެއް ވެފައިވާއިރު، މާލޭގައި ދިރިއުޅޭ އާބާދީ އެތައް ގުނައެއް އިތުރުވެ، ޢިމާރާތްތައް ގިނަވުމާއެކު، މި މަޝްރޫޢު ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ހައުސިންގ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވަރަށް ޗެލެންޖިންގ ކަމަކަށްވާނެ. ވިހިތިރީސް އަހަރު މަގުތައް ހެދިފަހުން ވެއްޖެ. އޭގެފަހުން މާލޭގެ އެތައް ޢިމާރާތެއް ހެދިގެން ހިނގައްޖެ. އާބާދީ އެތައް ގުނައެއް އިތުރުވެއްޖެ. މަގުތަކުގެ އަޑިއަށް އެތައް ބައިވަރު ކޭބަލްތަކެއް އެޅިގެން ހިނގައްޖެ. ވަކި ނިޒާމެއްގެ ތެރެއަކުން ނޫން އެ މަސައްކަތް މީގެ ކުރިން ކުރެވިފައިހުރީ. އެހެންވީމާ އެއީ ޗެލެންޖެއް. އެ ޗެލެންޖް ނަގައިގެން އެބަޖެހޭ މަގުތައް ހަދަން." މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ އިރުދެކުނު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖަށް ވަންނަ ހިސާބުކަމަށްވާ މޭރީ ބްރައުންގެ ހުޅަނގުން އޮންނަ ސަރަޙައްދު ތާރުއަޅުއްވައިގެން މަރާމާތު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެއާއެކު މާލޭގެ އެންމެ ބޭރުން ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގުވެސް ތާރު އަޅުއްވައިގެން މަރާމާތު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.