ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 178،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަކަމަށެވެ. މިއީ އަބަދުވެސް ދައްކަމުން އައި ވާހަކައެއް ނަމަވެސް އެއްވެސް ސަރުކާރަކުން އެކަން ހައްލު ކުރަން މަސައްކަތްކޮށްފައި މީގެކުރިން ނެތްކަމަށެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ފަށައިގެން ކުރިއަށްގެންދާކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވި ހިސާބުން ކުރަނގި ޕްރޮގްރާމްގެ ނަމުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޕްރޮގްރާމެއް ފެއްޓެވިކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރަމުންދާކަމަށާއި މިހާތަނަށް 178،982 މީހެއްގެ މައުލޫމާތު އެއްކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިދިޔަ 2 އަހަރާއި ހަމައަށްދާއިރުގައި އަޅުގަނޑުމެން 178،982 ބޭރުމީހުންގެ މައުލޫމާތު ނަގައިފިން. މިއީ ވަރަށް ބޮޑު އަދަދެއް. ރާއްޖޭގައި 2 ލައްކައެއްހައި ބޭރުމީހުން އެބައުޅޭ. އެކަމަކު މިއޮއްހައި ދުވަސްވީއިރުގައި ނޭންގޭ މިކަމެއް. މީގެތެރެއިން ނުގަވައިދުން އުޅޭ މީހުން ޑީޕޯޓްކުރަނީވެސް ކުރީގައި ނަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8609 މީހުން ޑީޕޯޓްވެސްކޮށްފިން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިދޭސީން ރާއްޖޭގައި ތިބެ ދިވެހި ރައްޔިތުންކުރާ ވިޔަފާރިތަކަށްވެސް ނުގަވައިދުން ވަންނަމުންދާކަމަށެވެ. އެހެންކަމުން ސަރުކާރުން ފެށި މަސައްކަތަކީ މި ކަންކަން ހައްލުކުރުމުގެ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.