މުސްލިމުންގެ މައްޗަށް މަތިވެފައި އޮތް އެންމެ މުހިންމު ޒިންމާއަކީ އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރުމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯދުމަށް މަސައްކަތްކުރުމެވެ. ދުނިޔޭގެ ވަގުތީ އުފަލަށް ހެއްލި، އާޚިރަތުގެ ބާއްޖަވެރިކަން ނުލިބޭ ކޮންމެ މީހަކީ އަބާއްޖަވެރިއެކެވެ. އެހެންކަމުން ސުވަރުގޭގެ ދާއިމީ ނިޢުމަތް ހޯދުމަށް އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ އިސްލާމް ދީނުގެ ހިދާޔަތް ލިބިގަތުންނެވެ. އަރަހުށިވަންތަ މާތް ﷲގެ ހުސްޠާހިރުވަންތަކަން ޤަބޫލުކުރުމެވެ.
މާތް ﷲގެ ހެޔޮ ރަޙުމަތްފުޅާއެކު މިއަދު ކޮންމެ ދިވެއްސަކީ ވެސް މުސްލިމެކެވެ. ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމުން އުޅޭ އިސްލާމް ދީނުގެ ހިދާޔަތް ލިބިފައިވާ ޤައުމެކެވެ. ކަން މިހެން އޮތް ނަމަވެސް، ބުދަށް އަޅުކަންކޮށް އިސްލާމް ދީނުގެ މަތިވެރި ނިޢުމަތުން ބީވެފައިވާ ދުވަސްތަކެއް ދިވެހި ތާރީޚު ދެކުނެވެ.
ތާރީޚު ޢިލްމުވެރިޔާ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ގޮތުން މީލާދީ ގޮތުން 1153 ވަނަ އަހަރުގެ ކުރިން ދިވެހިން ތަބާވަމުން އައީ ބުދު ދީނަށެވެ. ނަމަވެސް 1153 ވަނަ އަހަރު، ހިޖުރީ ގޮތުން 548 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް މަޣްރިބުކަރައިގެ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ނަމަކަށްކިޔާ ބޭކަލަކު، ރަދުންނަށް އިސްލާމް ދީންނަށް ދަޢުވަތުދެއްވިއެވެ. މިއަދު މި ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހަކީ އޭރު ދިވެހި ތަޚުތުގައި އިންނެވި ސިރީ ތުރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމް ދީން ޤަބޫލުކުރައްވައި ރައްޔިތުންވެސް އެ ދީން ޤަބޫލުކުރުމަށް އެންގެވި ދުވަހެވެ. އިސްލާމްވެވަޑައިގަތުމަށްފަހު ރަދުން ޚިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. މިއީ މަޝްހޫރު ދަރުމަވަންތަ ރަސްގެފާނެވެ.
ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1954ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މެދުކެނޑުމަކަށްފަހު 2002 ވަނަ އަހަރު މި ދުވަސް އަނެއްކާވެސް ފާހަގަކުރަން ފެށިއެވެ. މި ދުވަސް ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 2 ވަނަ ދުވަހު ފާހަގަކުރަމުންއަންނައިރު، ހިޖުރީގޮތުން ފާހަގަކުރާ އެ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަސްކަމުގައި ޙަސަން ތާޖުއްދީން ލިޔުއްވާފައިވެއެވެ.
އިސްލާމް ދީނުގެ މަތިވެރި ހިދާޔަތާއި މޫރިތި އަޚުލާޤުގެ މަތީގައި ދިވެހިން ދެމިތިބޭތާ 899 އަހަރުވެއްޖެއެވެ. ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި މާތް ﷲ މި ޤައުމު ލެއްވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި އެންމެ މަތިވެރި ނިޢުމަތެވެ. މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ދިވެހިން ކުރި ކޮންމެ ހަނގުރާމައަކީ އިސްލާމް ދީނުގެ ދިފާޢުގައި ކުރެއްވި ހަނގުރާމައެވެ. ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އަޚުވަންތަކަމާއި ރީތި އުޅުމަކީ އިސްލާމް ދީނުގެ ސަބަބުން ލިބުނު ސިފަތަކެކެވެ.
ޢަދުލުވެރިކަމާއި ހިންހެޔޮކަމާއި ހެޔޮ މެހެމާންދާރީފަދަ ރީތި ސިފަތައް ދިވެހިންގެ މެދުގައި އަށަގަތީ އިސްލާމް ދީނުގެ ހިދާޔަތުން ނަމޫނާ ލިބިގެންނެވެ. މިކަން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ފާހަގަކުރައްވައެވެ.
ވަޒީރު ވިދާޅުވީ ދިވެހިންގެ މެދުގައި އޮތް ސުލްހަވެރިކަމާއި ކުރިއެރުމާއި ފާގަތިކަމާއި އުފާވެރިކަމަކީ އިސްލާމް ދީނުގެ ސަބަބުން އައިސްފައިވާ ކަންކަންކަމަމެވެ. އަދި އެއީ އިސްލާމް ދީނަށް ދީފައިވާ މުޤައްދަސްކަމާއި ދީނުގެ ޙުކުމްތަކަށްކުރާ އިޙުތިރާމުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ޢަޒުމު އައުކޮށް ދީނުގެ މުހިންމުކަން ހިތަށް ގެންނަންޖެހޭ. ވިޔަފަރީގައާއި މުޢަލާމަލާތުކުރުމުގައާއި އިޤުތިޞާދަށް އިސްލާމީ އަސަރު އަންނަންޖެހޭ. ދީނުގެ ޙުކުމްތައް ހިނގަންޖެހޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިނިވަންކަމާއި އިސްތިޤުލާލަށް ކުރާ މަސައްކަތުގައާއި ފިތުނަ ފަސާދަތަކާއި ދެބަސްވުންތަކުގެ ކުރިމަތީގައިވެސް ދިވެހިން އެކަތިގަނޑަކަށް ހަދާ ވަޞީލަތަކީ އިސްލާމްދީން ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީން ފޯރުކޮށްދީ، ކުޑަކުދިން ޞައްޙަ ޢަޤީދާގެ މަތީގައި ބޮޑުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ރާއްޖެ އިސްލާމްވި ދުވަހު އަޅުގަނޑުމެން ހަނދާންކުރަންވީ ދީނުގެ ހަމަތަކާއި އުޞޫލުތަކާއި، ތަރަހައިގެ ތެރެއިން ދިރިއުޅުން ބައްޓަންކުރުމަށެވެ. ޢަޒުމު ކަނޑައަޅަންވީ ފުރިހަމަ މުއުމިނުންގެ ތެރޭގައިވުމަށެވެ. އިސްލާމީ ރިވެތި އަދަބުތަކުން ޒީނަތްތެރިވުމަށެވެ.